ބައިނަލްއަޤްވާމީ މުޖުތަމަޢުއާ މުޢާމަލާތް ކުރާއިރު، ޙަޤީޤަތާއި ތެދު ވާހަކަ ދައްކާނެކަމަށް އުއްމީދުކުރެވޭ: ވަޒީރު
ބައިނަލްއަޤްވާމީ މުޖުތަމަޢުއާ މުޢާމަލާތް ކުރާއިރު، ޙަޤީޤަތާއި ތެދު ވާހަކަ ދައްކާނެކަމަށް އުއްމީދުކުރެވޭކަމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން، ރާއްޖޭގެ ޖުޑީޝަރީއާ ގުޅޭ ގޮތުން، ރާއްޖޭގެ އިދިކޮޅު ފަރާތްތަކުންނާއި އެ ފަރާތްތަކާ ގުޅިގެން ބައިނަލްއަގުވާމީ ބައެއް ޖަމިއްޔާއަކުން ވެސް ހަގީގަތަށް ވާހަކަ ދައްކަން ޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު މިހެން ވިދާޅުވީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ރާއްޖޭގެ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރުމަށް އެދި މަޖިލިހަށް ހުށަހެޅި ހުޅަހެޅުމާއެކު، މަޖިލީހުންވެސް އެ ދެ ފަނޑިޔާރުން ވަކިކުރަން ފާސްކުރުމާގުޅިގެން، ބައިނަލްއަގުވާމީ ބައެއް ޖަމިއްޔާތަކުންނާއި އަވައްޓެރި ބައެއް ގައުމުތަކުގެ ވަކީލުންގެ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފައި ވަނިކޮށެވެ. މިކަމާ ގުޅިގެން ވަޒީރު ވިދާޅުވީ، އެ ދެ ފަނޑިޔާރުން ވަކިކުރީ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. ފަނޑިޔާރުން ވަކިކުރުމަށް ހިނގާ ކަންކަން ވެސް ހިމެނޭހެން ޖުޑީޝަރީގެ އެއްވެސް ކަމެއްގެ ތެރެއަށް ސަރުކާރުން ނުވަންނާނެ ކަމަށެވެ. ”އުއްމީދަކީ އަދި އެދޭނީ އިދިކޮޅުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުން، ބައިނަލްއަގްވާމީ މުޖުތަމައުއާ ގުޅިވަޑައިގެން، ހަގީގަތުގެ މައްޗަށް ބިނާކޮށް ވާހަކަ ދެއްކުން,“ ކޮމަންވެލްތުގެ އިސް ބޭފުޅުންތަކެއް ޓެގް ކުރެއްވުމަށްފަހު ވަޒީރު ލިޔުއްވި އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް