ރާއްޖެއިން އައިއެމްއޯއަށް ކަނޑައެޅުއްވި މަންދޫބުކަމުގެ ފަތްކޮޅު ސެކެޓްރީ ޖެނެރަލަށް އަރުވައިފި

އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން، އައިއެމްއޯއަށް ދިވެހިރާއްޖެއިން ކަނޑައެޅުއްވި ދާއިމީ މަންދޫބު، މަޤާމުގެ ފަތްކޮޅު އެޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލަށް އަރުވައިފިއެވެ.

އައިއެމްއޯއަށް ދާއިމީ މަންދޫބެއްގެ ގޮތުގައި ކަނޑަޅުއްވާފައިވަނީ ރާއްޖެއިން ފްރާންސަށާއި އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައިވާ ސަފީރު ޑރ. އިރުތިޝާމް އާދަމްއެވެ. ރާއްޖެއިން އައިއެމްއޯއަށް ކަނޑައެޅުއްވި ދާއިމީ މަންދޫބު، މަޤާމުގެ ފަތްކޮޅު އެ ޖަމްޢިއްޔާގެ ސެކްރެޓަރީ ޖެނެރަލް އަރސެނިއޯ އަންޓޯނިއޯ ޑޮމިންގޭޒް ވެލަސްކޯއަށް އަރުވާފައިވަނީ ލަންޑަންގައި ހުންނަ އެޖަމްޢިއްޔާގެ މައި މަރުކަޒުގައި އިއްޔެ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

އެ ޖަމިއްޔާއެކު ގުޅުން ބަދަހިކުރުމަށާއި އެ ޖަމްޢިއްޔާގެ އިސްނެގުންތަކުގައި ޢަމަލީގޮތުން ބައިވެރިވެ، ކަންކަމުގައި ޤާބިލުކަން އިތުރުކުރުމަށް ދިވެހި ސަރުކާރުން ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެ ކަމަނާ ވަނީ ދެއްވާފައެވެ.

ޑރ. އިރުތިޝާމް އާދަމަކީ ދިވެހިރާއްޖެ އައިއެމްއޯގެ މެމްބަރު ޤައުމަކަށްވުމަށްފަހު އެ ޖަމްޢިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައެޅި ދެވަނަ މަންދޫބެވެ. އިރުތިޝާމް ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި ދާއިމީ މަންދޫބުގެ ނައިބު މުޙައްމަދު އަޙްމަދު، އަދި އިނގިރޭސިވިލާތަށް ކަނޑައަޅުއްވަފައި ހުންނަވާ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގެ ފަސްޓް ސެކްރެޓަރީ މަރިޔަމް އާޞިފާއި، ފަސްޓް ސެކްރެޓަރީ ސާރާ ޚާލިދު ބައިވެރިވެވަޑައިގެންނެވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް