ގޭންގް ކުށްތައް މަނާކުރާ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި

ގޭންގް ކުށްތައް ކުރާ މީހުންނަށް ހަރުކަށި އަދަބު ދެވޭ ގޮތަށް، ގޭންގް ކުށްތައް މަނާކުރާ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ޙުސައިން ހުށަހެޅުއްވި މި ބިލު މަޖިލީހަށް ބަލައިގަތީ 42 މެންބަރުންގެ ތާއީދާއެކުގައެވެ. އަދި މި ބިލު ފާސްކުރެވުނީ 55 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބިލު މަޖިލީހުން ބަލައިގަނެ ދިރާސާ ކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވިއެވެ.

މިއަދުގެ ޖަލްސާގައި ކޮމިޓީގެ ދިރާސާ ރިޕޯޓް ހުށަހެޅުމަށްފަހު، މެންބަރުން ބަހުސްކުރެއްވިއެވެ. އޭގެފަހުން ނެގުނު ވޯޓުގައި 55 މެންބަރުން ބިލާ އެއްކޮޅަށް ވޯޓުދެއްވިއިރު، 11 މެންބަރުން ވަކި ގޮތަކަށް ވޯޓުދޭން ބޭނުން ނުވާކަމަށް ވިދާޅުވިއެވެ.

މި ބިލުގައި ގޭންގުތަކުގައި ބައިވެރިވާ މީހުންނާއި ގޭންގުތަކުގެ ހަރަކާތްތަކުގައި ބައިވެރިވާ މީހުންނަށް ދެވޭނެ ހަރުކަށި އަދަބުތައް ހިމަނާފައިވެއެވެ. މިގޮތުން:

  • - ކުށްކުރާ ގްރޫޕެއް އުފެއްދުން ނުވަތަ ހިންގުމުގެ ކުށަށް 25 އަހަރުގެ ޖަލު ހުކުމަކާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް
  • - ގޭންގަކަށް މީހުން ހޯދުމުގެ ކުށަށް 20 އަހަރުގެ ޖަލު ހުކުމަކާއި 7 މިލިއަން ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް
  • - ގޭންގެއްގައި ބައިވެރިވުމުގެ ކުށަށް 15 އަހަރުގެ ޖަލު ހުކުމަކާއި 3 މިލިއަން ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް

މީގެ އިތުރުން، ބިލުގައި ގޭންގަކަށް ނިސްބަތްވާ މީހުން ކަނޑައެޅުމުގެ މިންގަނޑުތަކާއި، ގޭންގު ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ މުދާ ދައުލަތަށް ނެގުމުގެ އުސޫލުތައްވެސް ހިމަނާފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް