ނ. އަތޮޅުގެ ރަށްތަކުގައި ބީއެމްއެލް އޭޓީއެމް ޚިދުމަތް ފަށައިފި

ނ. އަތޮޅުގެ ރަށްތަކުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފަށައިފިއެވެ.

މި އޭޓީއެމްތަކުގެ ޚިދުމަތް ފަށްޓަވައި ދެއްވީ، އެ ރަށްރަށުގައި މިކަމަށްޓަކައި ބޭއްވި ރަސްމީއްޔާތެއްގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދެވެ.

އެގޮތުން މިހާތަނަށް ނ. ހެނބަދޫ، ކުޑަފަރީ، މަގޫދޫ، ލަންދޫ، މާޅޭންދޫ ގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ވަނީ ރަސްމީކޮށް ފަށްޓަވައިދެއްވާފައެވެ.

މި އޭޓީއެމްތައް ހުޅުވުމުގެ ރަސްމިއްޔާތުތަކުގައި ބޭންކް އޮފް މޯލްޑިވްސް ސީއީއޯ މުހައްމަދު ޝަރީފް އަދި އެ ރަށްރަށުގެ ކައުންސިލުގެ މެންބަރުން ދަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ. މި ޚިދުމަތްތައް ފަށްޓަވައިދެއްވުމުގެގޮތުން އިޤްތިޞާދީ ވަޒީރު ވަނީ އޭޓީއެމްތަކުން ފައިސާ ނަންގަވައި ޚިދުމަތް ފެށުމުގެގޮތުން ބޭނުންކުރެވި ރަމްޒީ ކާޑު ކައުންސިލާއި ޙަވާލުކޮށްދެއްވާފައެވެ.

ހެނބަދޫގައި އޭޓީއެމް ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު ވިދާޅުވީ ރައްޔިތުންނަށް ހުރި ދަތިތަކަށް ހައްލު ހޯދައިދީ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ބީއެމްއެލްއިން ކުރަމުންދަނީ ޝުކުރު ހައްޤު މަސައްކަތެއް ކަމަށެވެ. އަދި މި ލިބުނު ލުޔާއި އެކު ރަށްރަށުގައި އިޤްތިޞާދީ ހަރަކާތްތައް އިތުރުވެގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އެޓީއެމްގެ ޚިދްމަތް ފޮރުކޮށްދިނުމުގެ ގޮތުން 103 ރަށެއްގައި އަލަށް އޭޓީއެމް ޤާއިމްކުރެވިގެންދާނެއެވެ. މި ޚިދްމަތްތައް ފޯރުކޮށްދިނުމަށްޓަކައި ޢިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިޔާ ބެހޭ ވުޒާރާ އާއި ބޭންކް އޮފް މޯލްޑިވްސްއާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރެވުނީ 7 ނޮވެމްބަރ 2024 ގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް