ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރުމަށް "ސްޓޯރީ ފޮޓޯ ވޯކް" ގެ ނަމުގައި މައުރަޒެއް ހުޅުވައިފި

ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، "ސްޓޯރީ ފޮޓޯ ވޯކް" ގެ ނަމުގައި ފޮޓޯ މައުރަޒެއް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިއްޔެ ހަވީރު ހުޅުމާލޭ ފިތުރޯނު ޕާކުގައި ހުޅުވައިފިއެވެ.

އެޗްޑީސީ އިން އިންތިޒާމުކޮށްގެން ބޭއްވި މި ހަރަކާތުގައި އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ފައްޔާޒް މަންސޫރުގެ އިތުރުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ހަރަކާތް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އާދަމް ނަސީރު ވިދާޅުވީ، މިއަދު ފާހަގަކުރާ މަންޒަރުތަކަކީ ވަރަށް ގިނަ ވާހަކަތަކާއި ތާރީޚުތައް ހިމެނޭ، އަދި ވަރަށް ބޮޑު ބޭނުންތެރިކަމެއް އެކުލެވިގެންވާ މަންޒަރުތަކެއް ކަމަށެވެ.

"މި މަންޒަރުތަކުން އަޅުގަނޑުމެންނަށް އެބަ ބުނެދޭ ހަގީގަތުގައި ދިވެހީންގެ ފަހުގެ ތާރީޚުގައި ދިރިއުޅުމުގެ ވަރަށް ބޮޑު ވާހަކައެއް. ކުރީގައި ދިވެހީންގެ ދިރިއުޅުން ވަރަށް ގަދީމީ ހިސާބަށް ގެންގޮސްފިއްޔާ މި އޮންނަނީ ވަކިވަކި ރަށްރަށުގައި އެ ރަށެއްގައި ތިބޭ އެއް ވަންހައެއް ނުވަތަ ދެ ވަންހައެއް، ގިނަވެގެން ދެތިން ވަންހައެއްގެ މައްޗަށް އާންމުކޮށް ރަށެއްގެ މުޖުތަމައު އެކުލެވިފައި," އާދަމް ނަސީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ހުޅުމާލޭގައި މިހާރު ކުރިއަށްދާ ތަރައްގީއަކީ ބިޔަ އިގްތިސާދީ އެތައް މަގުސަދުތަކަކާ ގުޅިފައިވާ ތަފާތު ތަރައްގީއެކެވެ. އަދި ދިވެހީންގެ ގަދީމީ ދިރިއުޅުމާއި މިހާރުގެ ދިރިއުޅުމުގެ ތަފާތުތަކުގެ މައްޗަށް އަލިއަޅުވާލައްވައި، މި ބަދަލުތަކާއެކު ވެސް އެއްބައެއްގެ ގޮތުގައި ދެމިތިބުމަށް ދިވެހީންގެ އާދަތައް ދަމަހައްޓަމުން އަންނަކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް