ތައުލީމީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާއި ގުޅިގެން ބްރިޓިޝް ހައިކޮމިޝަނަރއާ މަޝްވަރާކޮށްފި

ތައުލީމީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާއި ގުޅިގެން ބްރިޓިޝް ހައިކޮމިޝަނަރއާއި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. ޢަލީ ޙައިދަރު އަޙްމަދު ބައްދަލު ކުރައްވައިފިއެވެ.

މި މަޝްވަރާތައްކުރެވުނީ، ބްރިޓިޝް ހައި ކޮމިޝަނަރ އެޗް.އީ ނިކް ލޯ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދު ހެނދުނު މިނިސްޓަރ ޑރ. ޢަލީ ޙައިދަރު އަޙްމަދަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތެއްގައެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ޔޫކޭއާ ދެމެދު މަތީ ތަޢުލީމާއި ޒުވާނުންގެ ހުނަރު ތަރައްޤީކުރުމުގެ ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ޓީވެޓް ޕްރޮގްރާމްތަކަށް ސްކޮލަރޝިޕް ފުރުސަތުތައް ހޯދުމާއި، ޓީވެޓް މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި ގުޅިގެންވެސް މަޝްވަރާކުރެވުނެވެ.

އަދި މުވައްޒަފުންނާއި ދަރިވަރުންނަށް ދެ ގައުމު ގުޅިގެން ހޯދައިދެވިދާނެ ފުރުޞަތުތަކާ ގުޅިގެން މަޝްވަރާކުރެވުނު ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. މީގެ އިތުރުން، ފެންވަރު ރަނގަޅު ޓީވެޓް ޕްރޮގްރާމްތައް ބެންޗްމާކްކުރުމާއި، ރިސާރޗް މަސައްކަތްތަކުގައި އެއްބާރުލުން އިތުރުކުރުމާއި، ޖޮއިންޓް ޑިގްރީ ފަދަ ޕްރޮގްރާމްތައް ހިންގިދާނެގޮތްތަކާމެދުވެސް ވަނީ މަޝްވަރާކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް