ފަޅުރަށްތައް ވަރުވާ އަށް ދިނުމަށް ކުރިން ހެދިފައިވާ ޕޮލިސީތައް މުރާޖަޢާކުރަނީ

ފަޅުރަށްތައް ވަރުވާ އަށް ދިނުމަށް ކުރިން ހެދިފައިވާ ޕޮލިސީތައް މުރާޖަޢާ ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތް ނިމުމުން ވަރަށް އަވަހަށް އެކަމަށް ގޮތެއް ނިންމަވާނެ ކަމަށް މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ މިހާރު ރަށްރަށް ވަރުވާއަށް ދިނުމަށް ހެދިފައިވާ އުސޫލުތައް އަލުން ދިރާސާކޮށް ގެންނަންޖެހޭ އިސްލާހްތައް ގެނެސް ރަނގަޅު ކުރުމުގެ މަސައްކަތް މިނިސްޓަރ ވަރަށްގާތުން ބައްލަވާ ކަމަށާއި ބައެއް ރަށްރަށަށް ގޮސް ފެނުނީ ފަޅުރަށްތަކުގައި ހުރި ރުށްތައްވެސް ކަނޑާ ރަށަށް ގެއްލުންދީފައިވާ މަންޒަރުކަމަށެވެ.

'"ރުކުން ކުރުނބާ ބިނުމަށްޓަކައި އެރުކަށް ނޭރޭތީވެ ކަނޑާލުމަކީ ހައްލެއް ނޫންކަމަށް. އެހެން. މިހަކަލަ ވަރަށް އަނިޔާވެރި ކަންތައްތައް އެބަހުރި ކުރެވިފައި އިނގެތޯ ރަށްރަށަށް. ރަށްރަށަކީ ވެސް ހަމަ ދިރޭ އެއްޗެއް ނޫންތޯ ހަގީގަތުގައި.ދިރެމުންދާ ރަށްރަށް އެއީ.ދެން ހަމަ ހިމާޔަތް ( ރަށްރަށް ) ކުރަންޖެހޭ އަޅުގަނޑުމެން"' މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ވަރުވާއަށް ހަދާނެ ގޮތަކާއި މެދު ވަރަށް އަވަހަށް އިއުލާން ކުރެވޭނެ ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް