އޮޅުހިޔާ ފެސިލިޓީގެ ޖުމްލަ ބަޖެޓުން ބުޅަލަކަށް އަހަރަކު 5،416 ރުފިޔާ ހަރަދުވާނެ: މިނިސްޓަރު

ބުޅާ ގެންގުޅެން ހަދާފައިވާ ''އޮޅުހިޔާ" ފެސިލިޓީގެ ޖުމްލަ ބަޖެޓުން ބުޅަލަކަށް އަހަރަކު 5،416 ރުފިޔާ ހަރަދުވާނެކަމަށް މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވ، ބުޅާތައް ބެލެހެއްޓުމަށް ގާއިމުކުރި ފެސިލިޓީއަށް ބުޅާތައް ގެންދިއުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލަށް ޖަވާބު ދެއްވުމަށް ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ، އޮޅުހިޔާގައި ގެންގުޅޭނެ ކޮންމެ ބުޅަކަށް ދުވާލަކަށް 368 ރުފިޔާ ޚަރަދުވާނެ ކަމަށާއި، ފެސިލިޓީގައި ފުލްކެޕޭސިޓީގައި ދެހާސް ބުޅަލަށް މަހަކު 7 ލައްކަ ރުފިޔާ ޚަރަދުވާނެ ކަމަށެވެ. އަދި ނޮން ރިކަރަންޓު ހަރަދުގެ ގޮތުގައި 1.2 މިލިއަން ރުފިޔާ ހަރަދުވާނެކަމަށާއި އެ ފެސިލިޓީގައި 2،000 ބުޅާ ބަލަހައްޓާ ނަމަ މަހަކު 7 ލައްކަ ރުފިޔާ ހޭދަވާނެ ކަމަށާއި ކޮންމެ ތިން މަހަކުން 3.4 މިލިއަން ރުފިޔާ ހަރަދުވާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އަހަރަކު 10.8 މިލިއަން މިލިއަން ރުފިޔާ ހަރަދުވާނެ. ފެސިލިޓީގެ ޖުމްލަ ބަޖެޓުން ބުޅަލަކަށް މަހަކު 368 ރުފިޔާ ހަރަދުވާނެ. އަދި ފެސިލިޓީގެ ޖުމްލަ ބަޖެޓުން ބުޅަލަކަށް އަހަރަކު 5،416 ރުފިޔާ ހަރަދުވާނެ،" މާރިޔާ ވިދާޅުވި އެވެ.

މީގެ އިތުރުން، ބުޅާ ފެސިލިޓީ އާ އެ މިނިސްޓްރީން ހަވާލުވީ މާލެ ސިޓީ ކައުންސިލުން އެ ތަނަށް ބުޅާތައް ގެންދިއުމުގެ މަސައްކަތް ކުރަމުން ނުދާތީކަމަށާއި، މިނިސްޓްރީން އެތަނާ ހަވާލުވިިއިރު ތަނުގެ ހާލަތު ހުރީ ބުޅާތައް ގެންދެވޭނެ ގޮތަކަށް ނޫން ކަމަށާއި ހަވާލުވެ 16 ގަޑިިއިރުގެ ތެރޭގައި ބުޅާތައް ގެންދަން ފެށުނުކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އަދި މިހާރު މަސައްކަތްކުރަމުންދަނީ އެތަނުގައި ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް ފުރިހަމަކުރުމުގެ މަސައްކަތް ކަމަށާއި
ބުޅަލުގެ މައްސަލަ ހައްލުކުރުމަށް މަޖިލީހުގެ އެއްބާރުލުން ބޭނުންވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އެއީ ބްރީޑު ކުރުމަށް ނުވަތަ އާލާ ކުރުމަށް ބުޅާ އެތެރެކުރުމަށް ހުއްދަ ދިނުން ހުއްޓާލުމާއި، ޕެޓްގެގޮތުގައި އެތެރެކުރާ ބުޅާ ނިއުޓާ ކުރުމަށް ލާޒިމްކުރުން، މިކަން ކުރެވޭނީ މިހާރު މަޖިލީހަށް ފޮނުވާފައިވާ ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ދުޅަހެޔޮކަމާ ބެހޭ ބިލް ފާސްކޮށް އަމަލުކުރަން ފެށުމުން،" ވަޒީރު ވިދާޅުވިއެވެ.

އޮޅުހިޔާ ފެސިލިޓީ ޤާއިމްކޮށްފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިން 5000 އަކަފޫޓުގެ ބިމެއްގައެވެ. މިއީ އަހަރުތަކެއް ވަންދެން ރައްޔިތުންގެ ކަންބޮޑުވުމަކަށް ވެފައިވާ ބުޅާ ގިނަވުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ޤާއިމްކުރި ފެސިލިޓީއެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް