ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރުމާމެދު މަޖިލީހުން މިއަދު ގޮތެއް ނިންމަނީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ވަކިކުރުމާމެދު ގޮތެއް ނިންމަން މިއަދު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ތާވަލުކޮށްފިއެވެ.

މި ދެ ފަނޑިޔާރުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) މަޖިލީހަށް ހުށަހެޅީ އެ ކޮމިޝަނުން ބެލި މައްސަލައެއްގެ ތަޙުޤީޤަށް ފަހުގައެވެ.

ޖޭއެސްސީން ބެލި މައްސަލައަކީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ހައްޔަރުކުރުމާ ގުޅިގެން ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމަށް ފަނޑިޔާރު މަހާޒު މެދުވެރިކޮށް އަޒްމިރަލްދާ ނުފޫޒު ފޯރުވިކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. މި މައްސަލައިގެ ތަޙުޤީޤުގައި ފަނޑިޔާރު މަހާޒު ވަނީ ކުރިމިނަލް ކޯޓުގެ ފަނޑިޔާރު އަދި އޭނާގެ ދެބެއިންގެ ދެދަރި ކޮއްކޯފުޅު ކަމަށްވާ ގާޒީ ސޮފްވަތު ހަބީބަށް ގުޅުއްވައިގެން ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ހައްޔަރުކުރިތޯ ބެއްލެވިކަމަށް އެއްބަސްވެވަޑައިގެންފައެވެ.

ޖުޑީޝަރީ ކޮމިޓީން މި މައްސަލަ ބެލުމަށްފަހު ނިންމާފައިވަނީ ޖޭއެސްސީން ފަނޑިޔާރުން ވަކިކުރަން ނިންމީ އިޖުރާއާތުތައް ފުރިހަމަކުރުމަށްފަހު ކަމަށެވެ. އަދި ފަނޑިޔާރުން ވަކިކުރުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ. މިއަދުގެ މަޖިލިސް ޖަލްސާގައި ކޮމިޓީގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އިއްވާނެ ކަމަށް ވަނީ އިޢުލާނުކޮށްފައެވެ.

ފަނޑިޔާރުން ވަކިކުރުމާމެދު ނިންމުމެއް ނިންމާނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓުން މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

މި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދާ ގުޅޭ މައްސަލައެއްވެސް ތަޙުޤީޤުކުރަން ފެށުމަށް، ސަސްޕެންޑުކުރުމާ ގުޅިގެން ފަނޑިޔާރު ސުއޫދު ވަނީ އިސްތިއުފާ ދެއްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް