ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މިނިސްޓަރު ޚަލީލް ކުވެެއިތުގެ ފޮރިން މިނިސްޓަރާއި މަޝްވަރާކޮށްފި

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް، ކުވެއިތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ހާރިޖީ ވަޒީރު އަބްދުﷲ އަލީ އަލް ޔަހްޔާއާ ބައްދަލުކުރައްވައި، ދިވެހިރާއްޖެއާއި ކުވެއިތާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދަވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދެވިކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.

އޭގެ ތެރޭގައި އިގްތިސާދީ ރޮނގުންނާއި، ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިންނާއި، ސިއްހީ ނިޒާމް ހަރުދަނާކުރުމުގެ ގޮތުންނާއި، އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ މަޝްވަރާތައް ހިމެނެއެވެ.

ދެ ގައުމުގެ މަސްލަހަތުތައް ކުރިއެރުވުމަށާއި ދެމެހެއްޓެނިވި ތަރައްގީ ހާސިލްކުރެއްވުމަށް އޮތް އަޒުމް ދެ މިނިސްޓަރިންގެ މަޝްވަރާތަކުން ހާމަވެގެން ދިޔަކަން ފޮރިން މިނިސްޓްރީން ފާހަގަކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ތަރައްގީގެ ތަފާތު އެކި މަޝްރޫއުތަކަށް ކުވޭތު ސަރުކާރުން ފޯރުކޮށްދެމުންދާ އެހީތެރިކަމަށް މިނިސްޓަރު ޚަލީލް، ކުވޭތު ސަރުކާރުގެ އިސްވެރިންނަށް ޝުކުރު އަދާކުރެއްވިއެވެ.

ޚާއްސަކޮށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަށް ކުވޭތު ފަންޑް ފޯ އިކޮނޮމިކް ޑިވެލޮޕްމެންޓްގެ އެހީތެރިކަމާއި، ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް ދެއްވާ އެހީތެރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް