ޝަމްއާނުގެ ހައްޔަރާ ހަމައަށްދިޔައީ އެހައި ހިސާބުން ބަލަންޖެހޭ ކަންކަން ބަލާފައި އެވަރަށް ހެއްކާ ގަރީނާ ލިބުމުން: ފުލުހުން

ޝަމްއާނުގެ ހައްޔަރާ ހަމައަށްދިޔައީ އެހައި ހިސާބުން ބަލަންޖެހޭ ކަންކަން ބަލާފައި އެވަރަށް ހެއްކާ ގަރީނާ ލިބުމުންކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިއަދު ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްޢާން މަޤާމުން ދުރުކޮށް ބަންދުކުރުމުގައި އޭނާގެ އާއިލާއިން ތުހުމަތު ކުރަމުން އަންނަ ގޮތުގައި ޝަމްޢާން ހައްޔަރުކޮށްފައި ވަނީ ހޯމް މިނިސްޓަރު އިހްސާން އަލީގެ ކަރަޕްޝަން މައްސަލައެއް ފަޅާއަރުވާލަން މަސައްކަތް ކުރުމުން ފްރޭމްކޮށްގެން ކަަމަށް ބުނަމުން އަންނާތީ ފުލުހުންގެ ތަހުގީގުން އެއީ ފްރޭމެއް ކަންފާހަގަވެފައި ވޭތޯ ނޫސްވެރިޔަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ފުލުހުން ވިދާޅުވީ، ޝަމްޢާން ވަހީދުގެ މައްސަލައިގައި އެއްވެސް މީހަކު ފްރޭމްކޮށްފައިވާ ކަމަކަށް ފާހަގަކުރެވިފައި ނުވާކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުތަކަށް ޖަވާބުދެއްވަމުން އޭސީޕީ އަބްދުﷲ ޝަރީފް ވިދާޅުވީ ޝަމްއާން ހައްޔަރުކުރި މައްސަލައިގައި ފްރޭމް ކުރަން އެއްވެސް ކަމެއް ކުރަން ޖެހޭ ކަމަކަށް ޤަބޫލު ނުކުރައްވާ ކަމަށާއި އަދި އާއިލާގެ ފަރާތުން މިނިސްޓަރާއި، ޝަމްޢާނާއި ދެމެދު ހުރި ކަންތައްތަކެއްގެ ވާހަަކަދައްކާފައި އޮތް ނަމަވެސް އެ ފަދަ މަޢުލޫމާތެއްް ފުލުހުންގެ ތަހުގީގަށް މިހާތަނަށް ފާހަގަކުރެވިފައި ނުވާ ކަަމަށެވެ.

"އެއްވެސް ހާލެއްގައި ވަކި މީހަކު ފްރޭމްކޮށްގެން މިކަން ހިނގާފައި އޮތް ކަމަކަށް މި  ތަހުގީގުގެ މިހާ ހިސާބަށް އައި އިރު ފާހަގަ ކުރެވިފައެއް ނެތް" އޭސީޕީ އަބްދުﷲ ޝަރީފް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑީސީޕީ އަބްދުﷲ ޝަރީފު ވިދާޅުވީ ފުލުހުން ޝަމްއާން ހައްޔަރުކުރީ ފުލުހުންގެ ތަހުގީގުގައި ބަލަންޖެހޭ ކަންކަން ބަލައި، އޭނާ ހައްޔަރުކުރަންޖެހޭކަމަށް ތަހުގީގަށް ފެނިގެން ކަމަށެވެ.

"ޝަމްއާނުގެ ހައްޔަރާ ހަމައަށްދިޔައީ އެހައި ހިސާބުން ބަލަންޖެހޭ ކަންކަން ބަލާފައި އެވަރަށް ހެއްކާ ގަރީނާ ލިބުމުން އެހިސާބުން ޝަމްއާން ހައްޔަރުކުރީ،" ޑީސީޕީ ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް