ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް އެހީވުމަށް 6 ހަފްތާގެ ޕްރޮގްރާމެއް ކުރިއަށްގެންދަނީ

ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް އެހީވުމަށް، އާއިލީ ތަރައްޤީއާ ބެހޭ މިނިސްޓްރީއާއި މަމްސް އެއިޑު 6 ހަފްތާގެ ޕްރޮގްރާމެއް ކުރިއަށްގެންދަން ނިންމައިފިއެވެ.

މިކަން ހާމަކޮށް ޢާއިލީ ތަރައްޤީއާ ބެހޭ މިނިސްޓްރީން ބުނީ މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް އެ ވުޒާރާއިން ނިންމީ، ވުޒާރާއިން ކުރިއަށްގެންދާ "ހާލު ކިހިނެއް" ޕްރޮގްރާމުގައި ފޭސް 2 ގެ ހިޔާ ޓަވަރ ބްލޮކްތަކަށް ކުރެވުނު ޒިޔާރަތްތަކުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނާ ބައްދަލުވެ ދެކެވުނު ވާހަކަތަކުގެ ސަބަބުންކަމަށެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާ ކޮންމެ ގްރޫޕެއްގައިވެސް 10 ބެލެނިވެރިން ހިމެނޭނެއެވެ.

މި ޕްރޮގްރާމުގެ ތެރެއިން ކުދިން ގެންގުޅޭ ގޮތުގެ ވާހަކަ އެކަކު އަނެކަކާ ހިއްސާކޮށްލުމުގެ އިތުރުން، ދިމާވާ ދަތިތައް އެކަކު އަނެކަކަށް ހިއްސާކުރުުމުގެ ފުރުޞަތު ލިބޭނެ ކަމަށާއި، އަދި ކުދިން ބެލުމުގެ އުކުޅުތަކާއި، އެކަކު އަނެކަކަށް އެހީތެރިވެވޭނެ ގޮތްތަކާ ބެހޭގޮތުންވެސް މި ޕްރޮގްރާމުގައި މަޝްވަރާކުރާނެ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

މިގޮތަށް މަޝްވަރާކުރެވެން ފެށުމުން އެ ބެލެނިވެރިންނަށް އެކަނިވެރިކަން ފިލައި، އެހީތެރިކަން ލިބިގެންދާނެ ކަމަށްވެސް އާއިލީ ތަރައްޤީއާ ބެހޭ މިނިސްޓްރީން ބުނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް