ސަރުކާރުގެ ފަރާތުން ހުޅުމާލެ މެދު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަޛީމް ހުށަހެޅުއްވި މި ބިލުގެ ހުށަހެޅި މަޤްޞަދަކީ، މަދަނީ ވައިގެ ދަތުރުފަތުރާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއާ އެއްގޮތަށް ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަމުގެ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމެވެ.
އަދި މިހާރު ޢަމަލުކުރަމުން އަންނަ "ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ޤާނޫނު" ގެ ބަދަލުގައި، ޒަމާނާ އެކަށީގެންވާ ތަންފީޛީ ނިޒާމެއް މެދުވެރިކޮށް މަދަނީ ވައިގެ ދަތުރުފަތުރުގެ އެންމެހައި ކަންކަން ހިންގައި ތަންފީޛުކުރުމަށްޓަކައި ތަޢާރަފްކުރަންޖެހޭ ޤާނޫނީ އޮނިގަނޑު ތަޢާރަފުކުރުމާއި، ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަމާގުޅޭ އުސޫލުތަކާއި މިންގަނޑުތައް، ރާއްޖެއިން ބައިވެރިވެފައިވާ މަދަނީ ވައިގެ ދަތުރުފަތުރާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާގައި ކަނޑައަޅާފައިވާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަނޑައެޅުމަކީވެސް މި ބިލު ހުށަހަޅާ ސަބަބުތަކެވެ. މީގެ އިތުރުން، މަދަނީ ވައިގެ ދަތުރުފަތުރުގައި ހިނގާާ އެކްސިޑެންޓުތަކާއި ހާދިސާތައް ތަހްޤީޤުކުރުމަށްޓަކައި ޤާއިމުކުރަންޖެހޭ ޤާނޫނީ އޮނިގަނޑު ތަޢާރަފްކުރުމާއި، މަދަނީ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމާގުޅޭ އެނޫންވެސް އުސޫލުތައް ބަޔާންކުރުން ހިމެނެއެވެ. މި ބިލު މަޖިލީހުން ބަލައިގަތުމާއެކު ބިލު ދިރާސާކުރުމަށް މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.މަދަނީ ވައިގެ ދަތުރުފަތުރުގެ އެކްސިޑެންޓްތަކާއި ސީރިއަސް އިންސިޑެންޓްތައް ތަޙުޤީޤުކުރުމަށް ޚާއްޞަ އޭޖެންސީއެއް އުފެއްދުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލު، މިއަދުގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ އިއްތިފާގުން ބަލައިގެންފިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




