ސްޓޫޑެންޓް ލޯނަށް ޤަވާއިދުން ފައިސާ ދައްކަނީ 40 އިންސައްތަ ދަރިވަރުން: ވަޒީރު

ސަރުކާރުން މަތީ ތަޢުލީމަށް ދޫކުރާ ލޯނުތަކުގެ ތެރެއިން އަނބުރާ ދައްކަމުންދަނީ 40 އިންސައްތަ ދަރިވަރުންކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަޙްމަދު ހާމަކުރައްވައިފިއެވެ.

މި މަޢުލޫމާތު ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ވަޒީރުގެ ވާހަކަފުޅުގައި، މަތީ ތަޢުލީމާ މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ވަނީ ލޯނުގެ އެހީގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ޤަވާއިދުން ފައިސާ ދައްކަމުން ދަނީ ވަރަށް މަދުންކަން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ލޯނުގެ އެހީގައި ކިޔަވާ ނިމުމަށްފަހު އަނބުރާ ފައިސާ ދައްކަނީ %40 ދަރިވަރުންކަމަށް ވަޒީރު ވިދާޅުވިއެވެ އެފައިސާ އަކީ ދަޢުލަތަށް ލިބެންޖެހޭ ފައިސާކަން ފާހަގަކުރައްވާ ވަޒީރު ވަނީ އެފައިސާ ހޯދުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ވަރަށް އަވަހަށް ގޮތެއް ނިންމަވާނެކަމަށެވެ.

"މިއަހަރުގެ އޭޕްރީލްމަހާ ހަމައަށް 157 މިލިޔަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވޭ. އަނބުރާ ދެއްކުމުގައި ވަރަށް ބޮޑެތި މައްސަލަތައް އެބަހުރި. ހަމައަށް ބަރާބަރަކަށް ނުދައްކާ." ވަޒީރު ވިދާޅުވިއެވެ.

މަތީ ތަޢުލީމާއި ތަމްރީން ހާސިލްކުރުމަށްޓަކައި ކޮންމެ އަހަރަކުވެސް ދަޢުލަތުން ލޯނު ދޫކުރަމުންދާއިރު އެ ލޯނު އަނބުރާ ދައްކަން ފަށަން ޖެހެނީ ކިޔަވާ ނިމުމަށްފަހު 6 މަސް ފަހުންނެވެ. އަދި މަތީ ތަޢުލީމަށް ދޫކުރާ ލޯނުތަކަކީ އިސްލާމީ ހަމަތަކަށް ފެތޭ ލޯންތަކަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. އެއާއެކު ލޯނާއެކު ހިމެނިފައިވާ %1 އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި ނަގަމުންދާ އަދަދު އެއްކޮށް އުނިކުރެއްވުމަށްވެސް ރައީސްވަނީ ނިންމަވާފައެވެ. އަދި، ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އިތުރުން އެއްވެސް މިންވަރެއް އިތުރަށް ޗާޖް ނުކުރުމަށްވެސްވަނީ ނިންމަވާފައެވެ.

މީގެއިތުރުން ކުރިން ލޯނު ނަގާފައިވާ ފަރާތްތަކުން ދައްކަން ހުންނަ ފައިސާއިންވެސް، އެޑްމިނިސްޓްރޭޓިވް ފީ އުނިކޮށް އެދަރިވަރުންގެ ލޯނު އަދަދުތައް އަލުން އެޖެސްޓްކުރެއްވުމަށްވެސް ރައީސްވަނީ އަންގާވަފައެވެ.

ސަރުކާރުން ދެއްވާ ސްކޮލަރޝިޕާއި، ލޯނުގައި ކިޔަވަމުން އަންނަ ކުދިންގެ އިތުރުން ރާއްޖެއިން ބޭރުގައި ކިޔަވަމުން އަންނަ ދިވެހި ދަރިވަރުންގެ ދަފްތަރެއް މިދިޔައަހަރުގެ އޭޕްރީލްމަހުވަނީ އެކުލަވާލާފައެވެ. މިދަފްތަރުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ 2,000 އަށްވުރެ ގިނަ ދަރިވަރުން (915 ފިރިހެން އަދި 1,201 އަންހެން ދަރިވަރުން) ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވެއެވެ.

ރާއްޖެއިން ބޭރުން ތަޢުލީމް ހާސިލްކުރާ ދަރިވަރުންނަށް ދޫކުރާ ސްޓޫޑެންޓް ލޯނު ސްކީމުގައި އެދަރިވަރަކު ބޭނުން ޤައުމަކަށް ކިޔަވަންދެވެއެވެ. އަދި އެ ލޯނު ނަގައިގެން ކިޔެވުމުގެ ފުރުޞަތު ދެނީ ރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް