މަސްވެރިންނަށް އައިސް ނުލިބުމުގެ މައްސަލަ 5 އަހަރުތެރޭ ހައްލުކުރަނީ

މަސްވެރިންނަށް އައިސް ނުލިބުމުގެ މައްސަލަ މި ފަސް އަހަރު ތެރޭ މާތްﷲގެ އިރާދަފުޅާއެކު ހައްލުކުރައްވާނެކަމަށާއި،  މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެން ކުރިއަށްގެންދާ ވަޒީރުންގެ "އަހާ" ފޯރަމްގައި ބެލުންތެރިޔަކު އައިސް ނުލިބުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ކުރި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ ނިމުނު ސަރުކާރުން ފެނަކައާ ހަވާލުކުރި 17 އައިސް ޕްލާންޓުތަކުގެ ތެރެއިން ވަރަށް ގިނަ ޕްލާންޓުތައް މަސައްކަތްނުކުރާ ކަމަށާއި އެ މައްސަލަ ހައްލުކުރުމުގެ ގޮތުން އެ އައިސް ޕްލާންޓުތައް އަލުން މިފްކޯގެ ދަށަށް ބަދަލުކުރައްވާފައިވާކަމަށެވެ.

އަދި އެ ކުންފުންޏަކީ އައިސް ޕްލާންޓުތައް ބެލެހެއްޓުމާއި އޮޕަރޭޓުކުރުމުގެ ތަޖުރިބާ ހުރި އަދި އެ މަސައްކަތުގެ ތަމްރީނު ލިބިފައިވާ މުވައްޒަަފުންވެސް ތިބި ކުންފުނިކަމަށް ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އެ އައިސް ޕްލާންޓުތައް މިފްކޯގެ ދަށަށް ގެނައުމަށްފަހު އަލުން އޮޕަރޭޝަނަލް ކުރުމަށްޓަކައި ބޮޑެތި ހޭދަތަކެއް ކުރަންޖެހުނުކަނުކަމަށެވެ.

"ވަރަށް ގިނަ އައިސް ޕްލާންޓުތައް މަސައްކަތްވެސް ނުކުރޭ. އެހެންވީމާ އަޅުގަނޑުމެން މިޖެހުނީ ވަރަށް ގިނަ އައިސް ޕްލާންޓުތައް އޮޕަރޭޝަނަށް ގެނައުމަށް މިނިސްޓްރީގެ ބަޖެޓުންވެސް ވަރަށް ބޮޑެތި ހޭދަތަކެއް ކުރަން. އެކަންކަން އަޅުގަނޑުމެންވާނީ ކޮށްފަ. މިފްކޯގެ ބެލުމުގެ ދަށުގައި ހުރި 26 އައިސް ޕްލާންޓުގެ ތެރެއިން މިހާރު އޮޕަރޭޝަނުން ބޭރުގައި ހުރީ ތިން ޕްލާންޓު،" މިނިސްޓަރު ވިދާޅުވިއެވެ.

ޝިޔާމު ވިދާޅުވި ގޮތުގައި އެ ތިން އައިސް ޕްލާންޓު އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

މީގެ އިތުރުން، މަހުގެ ތާޒާކަން ކަށަވަރުކުރުމަށް އައިސްގެ މުހިއްމުކަމަށްވެސް ވަޒީރުވަނީ އަލިއަޅުވާލައްވާފައެވެ. އެގޮތުން، ދޯނިތަކުގައި އާރްއެސްޑަބްލި ނިޒާމު، ނުވަތަ ލޮނުފެން ގަނޑުކޮށްގެން އައިސްގެ ގޮތުގައި ބެލެހެއްޓުމުގެ ނިޒާމު ގާއިމުކުރުމަކީ މުހިއްމު ކަމެއް ކަމުގައި ދެކިގެން މިނިސްޓްރީން އެކަމަށް ބާރުއަޅަމުންދާ ކަމަށާއި އައިސް ޕްލާންޓުތައް ހުރީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަމަށްވާތީ އައިސް ނުލިބެގެން އެއް ޕްލާންޓުން އަނެއް ޕްލާންޓަށް ދަތުރުކުރަންޖެހިގެން ހޭދަކުރަންޖެހޭ ބޮޑު ހަރަދު މި ނިޒާމު ގާއިމުކުރުމުން ސަލާމަތްވާނެކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"އައިހަށް މިޖެހޭ ޖެހުން އިރާދަކުރެއްވިއްޔާ މި ފަސް އަހަރުގެ ތެރޭގައި އަޅުގަނޑުމެން އެއްކޮށް ނިމުމަކަށް ގެންނާނަން. މި އަހަރު އެކަނި ތިން އައިސް ޕްލާންޓުގެ މަސައްކަތް އަލަށް ފަށައިގެން ކުރިއަށް އެބަގެންދަމު. އަދި ހަމައާއެކު އިތުރު ފަސް ޕްލާންޓެއްގެ މަސައްކަތްކުރުމަށް ޓެންޑާކުރެވި ބީލަންތައް ބަލައިގަނެ ބީލަން އިވެލުއޭޓުކުރުމުގެ މަރުހަލާ މިހާރު ކުރިއަށްދަނީ،" މިނިސްޓަރު ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް