ޝަރުޢީ ދާއިރާއަށާއި ސުޕްރީމް ކޯޓަށްވެސް ނުފޫޒު ފޯރުވީ ސުޢޫދު: އޭޖީ

ޝަރުޢީ ދާއިރާއަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށްވެސް ނުފޫޒު ފޯރުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވި ހުސްނުއްސުއޫދު ކަމަށް އެޓަރނީ ޖެނެރަލް އަލްއުސްތާޛު އަހުމަދު އުޝާމް ރޭ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ ސުވާލުތަކަށް ވަޒީރުން ޖަވާބުދިނުމަށް ކުރިއަށްގެންދާ ސިލްސިލާ ފޯރަމް "އަހާ" ގެ ފަސްވަނަ ފޯރަމްގައި ސުއޫދުގެ އިސްތިއުފާގެ ސިޓީގައި ސަރުކާރަށް އަމާޒުކޮށްފައިވާ ތުހުމަތުތަކާ ގުޅޭގޮތުން އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އޭޖީ ވިދާޅުވީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް އެއްވެސް ކަމެއް ނުކުރައްވާ ކަމަށާއި، ފަނޑިޔާރުންނާއި ޖުޑީޝަރީއަށް ނުފޫޒު ފޯރުވީ މަގާމުގައި ހުންނެވިއިރު ހުސްނުއްސުއޫދު ކަމަށެވެ.

"ހަގީގަތުގައި ނުފޫޒު ފޯރުވާފައި ހުންނާނީ އެ ބޭފުޅާ. ޖުޑީޝަރީއަށް ނުފޫޒު ފޯރުވާފައި ހުންނާނީ ވެސް އެ ބޭފުޅާ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައި ހުންނާނީ ވެސް އެ ބޭފުޅާ" އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ ހުސްނުއްސުއޫދަކީ ސިޔާސީ ބޭފުޅެއް ކަމަށާއި އޭނާ ދައްކަވަނީ ސިޔާސީ ވާހަކަތައް ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހުސްނުއްސުއޫދު އެކި ފަރާތްތައް މެދުވެރިކޮށް ފޮނުވާފައިވާ މެސެޖުތަކާއި ބައްދަލުވެ ދެކެވިފައި ހުރި ވާހަކަތަކުން މިކަން ހާމަވާ ކަމަށެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން އުޝާމް ވިދާޅުވީ މި މައްސަލަ އެއްވެސް ޒަމާނެއްގައި އެއްވެސް ތަނަކުން ތަހުގީގުކޮށްފި ނަމަ، އެކަމަށް ޖަވާބުދާރީ ވެވޭނެ ކަމަށެވެ.

"އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑެއް ނޯންނާނޭ ސުޕްރީމް ކޯޓު ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް ކަމެއް ކޮށްފަކާ. ނުފޫޒު ފޯރުވަން ކަމެއް ކޮށްފައި އޮތިއްޔާ ކޮށްފައި އޮތީ އެ ބޭފުޅާ... ޖުޑީޝަރީއަށް ނުފޫޒު ފޯރުވާފައި އޮންނާނީވެސް އެ ބޭފުޅާ. ސުޕްރީމް ކޯޓްގެ ފަނޑިޔާރުންނަށް ވެސް ނުފޫޒު ފޮރުވަން މަސައްކަތް ކޮށްފައިވާނީ އެ ބޭފުޅާ. އަޅުގަނޑު ހަމަ ވަރަށް ޔަޤީންކަމާ އެކު މި ދަންނަވަނީ," އުޝާމް އިތުރަށް ވިދާޅުވިއެވެ.

ހުސްނުއްސުއޫދު އަދި  ސުޕްރީމް ކޯޓުގެ އިތުރު ދެ ފަނޑިޔާރަކު ސަސްޕެންޑް ކުރީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުނު މައްސަލާގައި ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ތާވަލް ކޮށްފައި ވަނިކޮށެވެ.

އެ މައްސަލައިގެ އަޑުއެހުމެއް ފަށަން 15 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށް  އެ ބޭފުޅުން ސަސްޕެންޑް ކުރީ އޭސީސީން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް