ފިޔޯރީގައި ޤާއިމްކުރާ މަސްކިރާ ކާރުޚާނާގެ މަސައްކަތް ކުރިއަށް އޮތް 2 އަހަރު ތެރޭ ނިމޭނެ: ވަޒީރު

ގދ. ފިޔޯރީގައި ޤާއިމްކުރާ މަސްކިރާ ކާރުޚާނާގެ މަސައްކަތް ކުރިއަށްއޮތް 2 އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެން ކުރިއަށްގެންދާ ވަޒީރުންގެ "އަހާ" ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ މަސް ޕްރޮސެސްކުރުމުގެ ޤާބިލުކަން 3 ގުނައަށް އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި މި މަސައްކަތުގެ ތެރެއިން ރާއްޖޭގެ 3 ސަރަހައްދެއްގައި މަސްކިރާ ކާރުޚާނާތަކެއް އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން، ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން ގދ. ފިޔޯރީގައި ޤާއިމްކުރާ ފެކްޓްރީއަކީ ދުވާލަކު 100 ޓަނުގެ މަސް ޕްރޮސެސްކުރެވޭނެ ފެކްޓްރީއެއްކަމަށާއި އަދި ޅ. ފެލިވަރު އަދި ފ. ނިލަންދޫގައިވެސް މިފަދަ ފެކްޓެކްޓްރީތަކެއް ޤާއިމްކުރެވޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި 3 ފެކްޓްރީގެ ކަރުދާހުގެ މަސައްކަތް ނިމި، ޗައިނާގެ ކުންފުންޏަކާއެކު އީޕީސީ ކޮންޓްރެކްޓެއްގައި މިދިޔަ އެޕްރީލްމަހުގެ 8 ވަނަ ދުވަހު ސޮއިކޮށްފައިވާ ކަމަށާއި އަދި ފިނޭންސް މިނިސްޓްރީއާއެކު ކުރަންޖެހޭ މަސައްކަތް ނިމި، އީޕީސީ ކޮންޓްރެކްޓްގައި ސޮއިކުރުމުގެ ހުއްދަ ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫޢުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކޮންސެޝަނަލް ނުވަތަ ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލޯނު ހަމަޖެހޭނެ ކަމަށް ސޮއިކޮށްފައިވާ މަޝްރޫޢުތަކެކެވެ. މި ޕްރޮޖެކްޓްތައް ނިމުމުން ރާއްޖޭގައި 81 ހާސް ޓަނުގެ މަސް ދަޅުގަޔާއި ޕައުޗްގައި ބަންދު ކުރެވޭނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް