ޔުމްނު ވެއްޓުނު މައްސަލައިގައި ހެއްކާ ގަރީނާ ލިބޭ ވަރަކުން އަޅަންޖެހޭ ފިޔަވަޅުތައް ދާނީ އަޅަމުން: ވަޒީރު

ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު (21އ) ވެއްޓުނު މައްސަލައިގެ ހެއްކާ ގަރީނާ ލިބޭ ވަރަކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ ސުވާލުތަކަށް ވަޒީރުން ޖަވާބުދިނުމަށް ކުރިއަށްގެންދާ ސިލްސިލާ ފޯރަމް "އަހާ" ގެ ފަސްވަނަ ފޯރަމްގައި މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ ޔުމްނު ވެއްޓުނު މައްސަލައާ ގުޅިގެން ހައްޔަރު ކުރި ރައުދު އަހުމަދު ޒިލާލްގެ މައްސަލަގައި ހެއްކާ ގަރީނާ ލިބޭ ވަރަކުން އަަޅަންޖެހޭ ފިޔަވަޅުތައް އަަޅަމުންދާނެ ކަމަށެވެ. ވަޒީރަށް ކުރިމަތިކުރުވި ސުވާލަކީ ރައުދު ހައްޔަރުކުރުން އެހާ ލަސްވީ ކީއްވެގެންކަން ސާފުކޮށްދެއްވުމަށެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ފުލުހުން އެންމެ ފުރަތަމަ އަމަލުކުރީ ވެއްޓިފައި އޮތް އަންހެން ކުއްޖެއްގެ ރިޕޯޓް ލިބިގެން އެކަމަށް ކަމަށާއި ޔުމްނުއަށް އެންމެ ފުރަތަމަ ދޭންޖެހޭ މެޑިކަލް އަޅާލުން ދިނުމަށް ކަމަށެވެ.

"ފަހުން ލިބުނު މައުލޫމާތުގެ އަލީގައި ހައްޔަރުކުރީ. ފުލުހުންގެ ތަހުގީގަކީ ޕްރޮގްރެސިވްކޮށް ލިބޭ ހެކިތަކުގެ މައްޗަށް ބަލާފައި ކުރިއަށްދާ ތަހުގީގެއް. އަޅުގަނޑުމެންގެ ހިތު ލަފަޔަށް، ހީކުރާ ގޮތަށް އަދި އުންމީދު ކުރާ ގޮތަށް ކުރާ ކަންކަމެއް ނޫން އެއީ. ތަހުގީގު ކުރިއަށްދާއިރު ހެއްކާއި ގަރީނާ ލިބޭ ވަރަކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުގަނޑުމެން އަޅަމުންދާނަން،" ވަޒީރު ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ރައުދު ހައްޔަރުކޮށް އޭޕްރިލް 25 ވަނަ ދުވަހު އޭނާގެ ބަންދަށް އެންމެ ފުރަތަމަ ޖަހާފައިވަނީ 5 ދުވަހެވެ. އޭގެ ފަހުން ބަންދުގެ މުއްދަތު ހަމަވެގެން 10 ދުވަސް ޖެހިއިރު، މެއި 10 ގައި އޭނާގެ ބަންދަށް އިތުރު 5 ފަސް ދުވަސް ވަނީ ޖަހައިފައެވެ.

މި މައްސަލައާ ގުޅިގެން އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން އިއްޔެ ރައުދުއާ ސުވާލު ކޮށްފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް