ދިވެހިރާއްޖެއިން ބައިނަލްއަޤްވާމީ ޒީރޯ-ކާބަން އައިލެންޑްސް އަދި ގްރީން ލޯ-ކާބަން ޑިވޮލޮޕްމަންޓް އެކްސްޗޭންޖް ކޮންފަރެންސް ކޯ ހޯސްޓު ކޮށްފި

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އިން ބައިނަލްއަޤްވާމީ ޒީރޯ-ކާބަން އައިލެންޑްސް އެންޑް ގްރީން ލޯ-ކާބަން ޑިވޮލޮޕްމަންޓް އެކްސްޗޭންޖް ކޮންފަރެންސް ކޯ ހޯސްޓް ކޮށްފިއެވެ.

މިއަދު ބޭއްވުނު ޒީރޯ-ކާބަން އައިލެންޑްސް އެންޑް ގްރީން ލޯ-ކާބަން ޑިވެލޮޕްމަންޓް އެކްސްޗޭންޖް ކޮންފަރެންސް އަކީ މިނިސްޓްރީ އަދި ޗައިނާގެ ޔަންޓައި މުނިސިޕަލް ޕީޕަލްސް ގަވަންމެންޓްއިން ކޯ ހޯސްޓް ކުރި ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އަލްފާޟިލް ޠާރިޤު އިބްރާހީމް ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދިވެހިރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުވާލައްވައި، ގްރީންހައުސް ގޭސް އުފެއްދުން މަދުކުރުމަށާއި އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޠާރިޤު އިބްރާހީމްގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބޭ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭކަން ފާހަގަކުރައްވައި، ޕެރިސް އެގްރިމެންޓްގައި ވާ ކަންކަން ހާސިލްކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވިއެވެ.  އަދި ޤައުމީ ހަކަތައިގެ ތަފާސްހިސާބު އެކުލަވާލުމާއި، ހަކަތަ ސަމުކާރަ ކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ފިނިކުރާ ނިޒާމްތަކެއް ތަޢާރަފްކުރުންފަދަ ކަންކަމުގެ ތެރެއިން ވައިގެ ތެރެއަށް ދޫކުރެވޭ ވިހަ ގޭސް މަދުކުރުމަށް ކުރެވޭ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި މި ފިޔަވަޅުތަކަކީ ދިވެހިރާއްޖޭގެ ނެޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަންސް (އެންޑީސީ) އާ އެއްގޮތްވާ ގޮތުގެ މަތިން އަޅާ ފިޔަވަޅުތަކެއް ކަމަށާއި، މިއީ މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގެ ކްލައިމެޓް ރެޒިލިއެންސް ސްޓްރެޓެޖީގެ ބައެއްކަމަށެވެ. އަދި ކުދި ޖަޒީރާ ޤައުމުތަކަށް ލޯ-ކާބަން ޑިވޮލޮޕްމަންޓް ހާސިލުކުރުމަށް ބައިނަލްއަޤްވާމީ އެހީތެރިކަމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މި ކޮންފަރެންސްއަކީ ޖަޒީރާ މުޖުތަމަޢުތަކުގައި ލޯ-ކާބަން ޑިވޮލޮޕްމަންޓް ހާސިލުކުރުމަށް އަމާޒުކޮށްގެން އައު އާދަތަކާއި، ސިޔާސަތުތަކާއި، ޓެކްނޮލޮޖީތަކާ ބެހޭ މަޢުލޫމާތު ބަދަލުކުރުމަށާއި މަޝްވަރާކުރުމަށް މަގުފަހިކޮށްދިން ކޮންފަރެންސެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް