ނަޑެއްލާ އިން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ

ގދ. ނަޑެއްލާއިން ގެއްލިގެން ހޯދަމުންދިޔަ މީހާ މިއަދު ހަވީރު ފެނިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފިއެވެ.

އިއްޔެ މެންދުރުފަހު ގދ. ނަޑެއްލާއަށް ފޭބުމަށްފަހު ގެއްލިގެން ހޯދަމުން ދިޔަ ހދ. ނޮޅިވަރަން / ސުހާނީ، އާދަމް އިބްރާހިމް (34 އަހަރު)، ގެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރީ ނަޑެއްލާއަށް ފޭބުމަށްފަހު އޭނާގެ އެއްވެސް ޚަބަރެއް ނުވުމާ ގުޅިގެންނެވެ.

ފުލުހުން މަޢުލޫމާތު ދިންގޮތުގައި، އާދަމް އިބްރާހިމް ފެނިފައިވަނީ މިއަދު ހަވީރު 4:45 ހާއިރު، ނަޑެއްލާ ކައިރީގައި އޮންނަ ފަޅުރަށަކުންނެވެ. އަދި އޭނާ ފެނުނުއިރު އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އަދި އެ މީހާ ފެނިފައި ވަނީ ފުލުހުންނާއި ނަޑެއްލާގެ ރައްޔިތުންގެ ޓީމަކަށްކަމަށާއި، ކޯސްޓްގާރޑުން ވެސް މީހާ ހޯދުމުގެ މަސައްކަތުގައި މިއަދު ހެނދުނުން ފެށިގެން ހަރަކާތްތެރިވެފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި އެ މީހާ ހޯދުމުގެ ގޮތުން ނަޑެއްލާ ފަޅު ތެރެއިން 10 ފަޅުރަށް ބެލިކަމަށާއި، ނަޑެއްލާގެ އެކި ސަރަހައްދުތައްވެސް ބަލާފާސް ކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

އާދަމް އިބްރާހީމް ގެއްލިފައިވާ މައްސަލާގައި އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުން ގެންދަނީ ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް