އެންމެ ދެކެން ބޭނުންވާ ދުވަހަކީ ޢަދުލުގެ ނިޒާމުގެ ތެރެއަށް ކުދިން ނުވަންނަ ދުވަހެއް: މެޑަމް ސާޖިދާ

އެންމެ ބޭނުންފުޅުވަނީ، ޢަދުލު ނިޒާމުގެ ތެރެއަށް ކުދިން ނުވަންނަ ދުވަހެއް ދެކެވަޑައިގަންނަންކަމަށް ރައީސުލްޖުމުހޫރިއްޔާ ގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ މި މަހުގެ 10 އިން 12އަށް ކުރިއަށްގެންދާ ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް 2025 ގެ ތެރެއިން "ކުޑަކުދިންގެ ޢަދުލުގެ ނިޒާމް، ބެލެނިވެރިންނާއި މުދައްރިސުންގެ އުންމީދުތައް" ނަމުގައި މިއަދު ކުރިއަށްދިޔަ ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

އެކަމަނާ މި ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގެންނެވީ ބެލެނިވެރިއެއްގެ ހައިސިއްޔަތުންނެވެ.

މި ޕެނަލްޑިސްކަޝަންގައި ވާހަކަފުޅުދައްކަމުން މެޑަމް ސާޖިދާ ވަނީ ޢަދުލު އިންސާފުގެ ނިޒާމަށް ބެލެނިވެރިން އަހުލުވެރި ކުރުވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި އެކަމަނާ ވަނީ ޢަދުލު އިންސާފުގެ ނިޒާމުގެ މައުލޫމާތު ބެލެނިވެރިންނަށް ލިބުމުގައި ހުރި ގޮންޖެހުންތައް ފާހަގަކުރައްވައި، ކުށުގެ މާހައުލުން ކުއްޖާ ރައްކާތެރިކުރުމަށް ބެލެނިވެރިޔާގެ ޒިންމާ ރަނގަޅު ގޮތުގައި އަދާކުރުމަށް ބާރުއަޅުއްވާފައެވެ.

މީގެއިތުރުން ކުށުގެ ވެށިން ކުއްޖާ ރައްކާތެރިކުރުމަށް ބެލެނިވެރިޔާއާއި، ކުއްޖާއާއި ދެމެދުގައި އޮންނަ ގުޅުމަކީ އިތުބާރުކުރެވޭ ރަނގަޅު ގުޅުމެއްކަން ކަށަވަރު ކޮށްދިނުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

އެކަމަނާގެ ވާހަކަފުޅު ނިންމަވާލަވަމުން އެކަމަނާ ވިދާޅުވީ، އެންމެ ދެކެން ބޭނުންފުޅުވާ ދުވަހަކީ ޢަދުލުގެ ނިޒާމުގެ ތެރެއަށް ކުދިން ނުވަންނަ ދުވަހެއް ކަމުގައެވެ. އަދި މިކަން ކުރެވޭނީ މުއައްސަސާތަކުގެ މެދުގައި އޮނަންނަ ގުޅުން އިތުރަށް ހަރުދަނާކުރެވިގެންކަމުގައި އެކަމަނާ ވިދާޅުވިއެވެ. މީގެއިތުރުން ކުށްކުރެވޭ ކުއްޖާއަށް ވަގުތުން ފިޔަވަޅު އެޅުމުގެ ބަދަޅުގައި، "ޑައިވާރޝަން ޕްރޮގުރާމް" ފަދަ ޕްރޮގުރާމްތައް ތައާރަފުކޮށް، ކުއްޖާއަށް ދެވަނަފުރުސަތުގެ މަގުފަހި ކޮށްދިނުމަށްވެސް އެކަމަނާގެ ވާހަކަފުޅުގައި ބާރުއެޅުއްވިއެވެ.

މި ޕެނަލް ޑިސްކަޝަންގައި، އެކަމަނާގެ އަރިހުގައި، މުޙިއްޔުއްދީން ސްކޫލުގެ ޕްރިންސިޕަލް ނާޒިމާ ޢަލީ މަނިކް އަދި ހުރަވީ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ފަސާނާ މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް