މޫސުން ގޯސްވެ މުޅި ރާއްޖެއަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފިއެވެ. އެ އިދާރާއިން ބުނީ މިއަދު ހެނދުނު 13:15 އިން ފެށިގެން އިރުއޮއްސި ފަހު 18:15 ގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ހުދު ސަމާލު ނެރެެފައިވާ ކަމަށެވެ. މި ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެކަމަށާއި ކަނޑުތައްވެސް ގަދަވާނެކަމަށް އެ އޮފީހުންވަނީ ލަފާކޮށްފައެވެ. މެޓް އޮފީހުން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައިވާއިރު، މި ދުވަސްވަރަކީ ރާއްޖޭގައި ހުޅަނގު މޫސުން ފެށިފައިވާ ދުވަސްވަރެކެވެ. ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުުމުގެ ބާރުގަދަވާނެ ކަމަށް ބެލެވޭތީ، ކުރިއަށް އޮތް 2 ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުންވަނީ ބުނެފައެވެ. އަދި ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެކަމަށް އެ އޮފީހުންވަނީ ލަފާކޮށްފައެވެ. ހުޅަނގު މޫސުމަކީ މޭމަހުން ފެށިގެން ގާތްގަނޑަކަށް ނޮވެންބަރު މަހުގެ ނިޔަލަށް ދިގުދެމިގެންދާ މޫސުމަކަށްވާއިރު، ހުޅަނގު މޫސުމުގެ އަސަރުތައް އާއްމުގޮތެއްގައި މޭމަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފްތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ފަށާކަމަށާއި، އޭގެ ފަހުން މި މޫސުމުގެ އަސަރު މެދު ރާއްޖެތެރެއަށް ފޯރައި، މޭމަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށިގެންދާކަމަށް މެޓް އޮފީހުންވަނީ ބުނެފައެވެ. އަދި މިއަހަރުގެ ހުޅަނގު މޫސުން ދެކުނުގެ އަތޮޅުތަކަށް ފެށިފައިވަނީ މޭ މަހުގެެ07 ވަނަ ދުވަހުގައިކަމަށްވެސް އެ އިދާރާއިންވަނީ ބުނެފައެވެ. ހުޅަނގު މޫސުމުގައި ވިއްސާރަވެ، ވައި ގަދަވެ، އަދި ކަނޑު ގަދަވުމަކީ އާންމު ކަމެކެވެ. އެހެންކަމުން މި ދުވަސްވަރު ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ކަމާއި ބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް