ވަޒީރުންނާއިއެކު ކުރިއަށްގެންދާ 5 ވަނަ "އަހާ" ފޯރަމް މިރޭ ބާއްވާނެ

"އަހާ"ގެ ނަމުގައި ވަޒީރުންނާ ސުވާލުކުރުމަށް ފުރުޞަތު ހުޅުވާލައިގެން ބާއްވާ އާންމު ފޯރަމްތަކުގެ ސިލްސިލާގެ 5 ވަނަ ޕްރޮގްރާމް މިރޭ އޮންނާނެއެވެ.

ވަޒީރުންނާ ސުވާލު ކުރެވޭ ގޮތަށް އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ފޯރަމް އޮންނާނީ މިރޭ 21:00 ގައެވެ. މި ފޯރަމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިޔާ (ޕީ.އެސް.އެމް.) ގުޅިގެން ބާއްވާ ފޯރަމެކެވެ. މިރޭ ބާއްވާ ފޯރަމުގައި ރައްޔިތުންނަށް މަޢުލޫމާތު ދެއްވުމަށާއި ސުވާލުތަކަށް ޖަވާބު ދެއްވުމަށް ތިއްބަވާނީ؛

• ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން
• ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު
• މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް
• ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް
• ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ

ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ވަޒީރުންގެ ފަރާތުން ރައްޔިތުންނަށް ދެއްވުމަށާއި، ރައްޔިތުންގެ ސުވާލުތަކަށް ސީދާ ވަޒީރުން ޖަވާބު ދެއްވުމަށް ފުރުޞަތު ދިނުމުގެ ގޮތުން، ކޮންމެ ދެ މަހުން އެއްމަހު އާންމު ފޯރަމްތަކެއް ކުރިއަށް ގެންދަވާނެކަމަށާއި ހަމަ އެހެންމެ ކޮންމެ 3 މަހަކުން އެއްފަހަރު ސީދާ ރައީސުލްޖުމްހޫރިއްޔާވެސް މިގޮތަށް ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ފޯރަމެއް ބާއްވަވާނެކަން އެމަނިކުފާނު ވަނީ އިޢުލާން ކުރައްވާފައެވެ.

މިކަމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދެއްގެ އިތުރުން، އެމަނިކުފާނުގެ ސަރުކާރުން ވީހާވެސް ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުމަށާއި، ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ސަރުކާރުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބާރު އެޅުއްވުމުގެ ގޮތުން ކުރައްވާ މަސައްކަތްޕުޅެކެވެ.

މި ފޯރަމްތަކަކީ އާންމުންނަށް އެތަނަށް ވަޑައިގެން ބައިވެރިވެވޭގޮތަށް އަދި ފޯރަމް ހިނގަމުންދާ ވަގުތު ސޯޝަލްމީޑިޔާގެ ވަސީލަތްތައް މެދުވެރިކޮށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިގެން ކުރިއަށްދާނެ ފޯރަމްތަކެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް