އިންޑިޔާއަށް ޓީ-ބިލު ވިއްކައިގެން ނެގި 50 މިލިއަން ޑޮލަރުގެ ލޯން ދެއްކުން އަނެއްކާ ވެސް ފަސްކޮށްފި

ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް ޓީ-ބިލު ވިއްކައިގެން ނެގި 200 މިލިއަން ޑޮލަރުގެ ތެރެއިން ދައްކަންޖެހޭ 100 މިލިއަން ޑޮލަރުން 50 މިލިއަން ޑޮލަރު ދެއްކުން އިންޑިޔާއިން ފަސްކޮށްދީފިއެވެ.

ޓީ-ބިލު ވިއްކައިގެން ކުރީ ސަރުކާރުން ނެގި 200 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު އިންޑިޔާ ސަރުކާރުން މައާފުކޮށްދީފައިވާއިރު، ސަރުކާރު ބަދަލުވުމަށްފަހު މި ސަރުކާރުންވަނީ އެއިން 50 މިލިއަން ޑޮލަރު އަނބުރާ ދައްކާފައެވެ. އެހެންކަމުން ބާކީ މިހާރު ދައްކަން އޮންނާނީ 100 މިލިއަން ޑޮލަރެވެ.

މި ފައިސާ އަދާކުރުން ފަސްކޮށްދިނުމާ ގުޅިގެން ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އިންޑިޔާގެ ހާރިޖީވަޒީރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރަށް ޝުކުރު ދަންނަވަމުން ވަނީ މި ފައިސާ ދެއްކުން ލަސްކޮށްދިނުމަކީ އިންޑިޔާއިން ދިވެހިރާއްޖެއަށް ވެދިން މުހިއްމު މާލީ އެހީއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

އެ ފައިސާ ދައްކަންޖެހެނީ ބަހާލައިގެން އަހަރުގެ ދެ މުއްދަތެއްގައެވެ. މީގެ ކުރިންވެސް އިންޑިޔާ ސަރުކާރުންވަނީ އެއިން 50 މިލިއަން ޑޮލަރެއް އަދާކުރުން ފަސްކޮށްދީފައެވެ.

ދިވެހިރާއްޖޭގައި ހުންނަ އިންޑިޔާ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިތުރު އެއް އަހަރަށް 50 މިލިއަން ޑޮލަރުގެ ޓީބިލު އަނބުރާ ދެއްކުން އެ ގައުމުގެ ސަރުކާރުން ފަސްކޮށްދީފައިވާކަމަށާއި، 2019 ވަނަ އަހަރުގެ މާޗު މަހުން ފެށިގެން އެސްބީއައި މެދުވެރިކޮށް ދިވެހި ސަރުކާރުގެ ޓީ-ބިލުތައް އިންޑިޔާއިން ގަންނަމުން އަންނައިރު އެ މުއްދަތުގައި އަހަރުން އަހަރަށް އެ ޓީ-ބިލުތައް ދެއްކުން ފަސްކޮށްދީފައިވާކަން އިންޑިޔާ ހައިކޮމިޝަނުން ފާހަގަކުރިއެވެ.

މިއީ ދެ ގައުމުގެ ސަރުކާރުގެ މެދުގައި ހަމެޖެހިފައި އޮތް އިންތިޒާމެއްގެ ތެރެއިން ރާއްޖެއަށް ކުއްލި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެއްސި ލުޔެއްކަން ހައިކޮމިޝަނުން ފާހަގަކުރިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް