ކައުންސިލަރެއްގެ ގޮނޑި ހުސްވާއިރު ދައުރު ހަމަވާން އޮތް މުއްދަތަށް ބަލާފައި އެ މަޤާމުގެ ބައި-އިލެކްޝަން ނުބާއްވަން އިސްލާޙެއް

ކައުންސިލް މެންބަރެއްގެ ގޮނޑި ހުސްވާއިރު އެ މެންބަރުގެ ދައުރު ނިމެން އޮތީ ދޮޅު އަހަރު ނުވަތަ އެއަށްވުރެ މަދު ދުވަސް ކަމުގައިވާނަމަ، އެ ގޮނޑިއަށް އަލުން މެންބަރަކު ހޮވުމަށް ބައި-އިލެކްޝަނެއް ބާއްވަން ނުޖެހޭ ގޮތަށް ލާމަރުކަޒީ ޤާނޫނަށް އައު އިސްލާހެއް ހުށަހަޅައިފިއެވެ.

މި އިސްލާހު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާއެވެ. މި އިސްލާހުގެ މައިގަނޑު މަޤްސަދެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ ލޯކަލް ކައުންސިލްތަކުގެ ޢުމުރުގެ ތެރޭގައި ކައުންސިލްތަކުގެ މެންބަރުންގެ ގޮނޑި ހުސްވާ ހާލަތްތައް އިތުރުވަމުންދިއުމުގެ ސަބަބުން ތަކުރާރުކޮށް ގިނަ ޢަދަދަކަށް ބައި-އިލެކްޝަން ބާއްވަން ޖެހުމާއި، އޭގެ ސަބަބުން އެކަމަށްކުރަންޖެހޭ ޚަރަދުތައް އިތުރުވަމުންދާތީ ހިނގަމުންދާ ލޯކަލް ކައުންސިލްތަކުގެ ޢުމުރު ހަމަވާން ގާތްވެފައި ވަނިކޮށް، ބައި-އިލެކްޝަންތައް ގިނަގިނައިން ބާއްވަންނުޖެހޭ ގޮތަށް ހަމަޖެއްސުމެވެ. ބިލުގެ ފުރަތަމަ ކިޔުން މިހާރު ވަނީ އިއްވާފައެވެ.

މި އިސްލާހުގެ ދަށުން ކައުންސިލްގެ ރައީސް ނުވަތަ މެންބަރެއްގެ މަޤާމު ހުސްވާއިރު، އެ ކައުންސިލްގެ ދައުރު ނިމެން 548 ދުވަސް ނުވަތަ އެއަށްވުރެ މަދު ދުވަސް އޮތްނަމަ، އެ މަޤާމަށް އަލުން މީހަކު އިންތިޚާބު ނުކުރެވޭނެއެވެ. އަދި މި އުސޫލު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށްވެސް ހިނގާނެއެވެ.

މި އިސްލާހަށް ޢަމަލުކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް