ދިވެހިރާއްޖެ 2.0 ގެ ދަށުން ދެފުށްފެންނަ ފުރިހަމަ ނިޒާމެއް ޤާއިމުކުރެވޭނެ: ވަޒީރު އިހްސާން

ދިވެހިރާއްޖެ 2.0 ގެ ދަށުން ދެފުށްފެންނަ ފުރިހަމަ ނިޒާމެއް ޤާއިމުކުރެވޭނެކަމަށް މިނިސްޓަރ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓޭކްނޮލޮޖީ އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

"ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް" ނިންމުމުގެ ގޮތުން ރޭ ބާސެލޯ ނަސަންދުރާ ގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަލީ އިހްސާން ވިދާޅުވީ މި ނިޒާމުގައި އެއްވެސް ފަރުދެއް އެއްވެސް ރަށެއް ބާކީ ނުވާ ޚިދުމަތްދޭ ސިސްޓަމްތަކެއް ކަމަށާއި ހުރިހާ އިދާރާއެއް އެއްސިސްޓަމަކުން ގުޅިފައިވާ އެއް މައުލޫމާތެއް ދައުލަތުގެ އިދާރާތަކަށް ތަކުރާރުކޮށް ހުށަހަޅަން ނުޖެހޭ ވިއުގަތަކެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ހިދުމަތް ހޯދަން އަންނަ ފަރާތާއި ހިދުމަތް ހޯދާ ރައްޔިތުން އިސްކުރާ، ހިދުމަތުގެ ފެންވަރު ރަނގަޅު، ފަސޭހަކަމާއި އަވަސްކަމާއެކު ލިބިދޭ އޯގާތެރި ދައުލަތެއްގެ ސިފަތައް ލިބިފައިވާ ހިދުމަތްތަކެއް. ސަލާމަތީ ގޮތުން ވަރުގަދަ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ، މިޒަމާނުގެ ތުރެޓުތަކަށް ރެސްޕޮންޑުކުރެވޭ ސައިބަރ ސެކިއުރިޓީ އެސްޓަބްލިޝްކުރެވިފައިވާ އެކަން ޔަގީންކުރެވޭ ނިޒާމެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، "ދިވެހިރާއްޖެ 2.0"ގެ ތަސައްވުރާ ގުޅޭ ގޮތުން، އެއީ އީ-ވޯޓިން ތައާރަފުކުރުމަށް ކުރާ މަސައްކަތެއްކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ފަތުރަމުން އަންނަ ތުހުމަތުތަކަށްވެސް މިނިސްޓަރު ވަނީ ރައްދުދެއްވާފައެވެ.

ރާއްޖޭގައި މިހާރު އަމަލުކުރާ އުސޫލުން ވޯޓު ކަރުދާސްކޮޅު ވޯޓު ފޮއްޓަށް ލަައިގެން ވޯޓުލުމުގެ އިތުރަށް، ބޭނުންވާ ފަރާތްތަކަށް ބޭނުންވާ މީހުންނަށް ޑިޖިޓަލް ނިޒާމުތައް ބޭނުންކޮށްގެން ވޯޓުލުމުގެ ފުރުސަތު އެސްޓޯނިޔާގައި ހުޅުވިފައި އޮންނަކަން އެ ގައުމުގެ އޮފިޝަލުން ވިދާޅުވެދެއްވިކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ހަމަ އެވަގުތު އަޅުގަނޑާއި އެތަނުގައި ތިބި ވަޒީރުންނަށް ރައީސް ވިދާޅުވި، އަޅުގަނޑުމެން މިހުރިހާ ކަމެއް މިގޮތަށް ކުރަންވާނޭ، އެހެންނަމަވެސް ވޯޓުލާ ގޮތް ބަދަލުކުރުމުގެ އެއްވެސް ވިސްނުމެއް ގެންގުޅެގެންނުވާނޭ. އަޅުގަނޑުމެން މިހާރުވެސް ވޯޓުލަނީ ވަރަށް ދެފުށް ފެންނަ އަދި ފުރިހަމަ ނިޒާމަކުން ކަމަށާއި ދެންވެސް ކުރިއަށްދާނީ އެގޮތަށްކަމަށް ރައީސް ގަބޫލުކުރައްވާކަމަށް ވިދާޅުވި،" މިނިސްޓަރ އަލީ އިހުސާން ވިދާޅުވިއެވެ.

"މޯލްޑިވްސް 2.0" ސަމިޓަކީ ދައުލަތުގެ ހުރިހާ އިދާރާއެއްގެ ބައިވެރިވުން އޮވެގެން ކުރިއަށްގެންދެވުނު ވަރަށް ކާމިޔާބު ސަމިޓެއްގެ ގޮތުގައި މިނިސްޓަރ އިހުސާން ސިފަކުރެއްވިއެވެ.

ދިވެހިރާއްޖެ 2.0 އަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް އިފްތިތާޙްކުރި ޕްރޮގްރާމެކެވެ. އަދި މޯލްޑިވްސް 2.0 އަކީ ހަލުވި، ރައްކާތެރި އަދި ދެފުށްފެންނަ ޚިދުމަތް ދިނުމުގެ އަމާޒު ހާސިލުވާގޮތަށް ދިވެހިރާއްޖެ ޑިޖިޓަލް އައު ޒަމާނަކަށް ވާސިލުކޮށްދިނުމަށް ހިންގަންފަށާ މަޝްރޫޢެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް