ރާއްޖެ ނާންނަން ސިންގަޕޫރު ސަރުކާރުން އިލްތިމާސް ނުކުރޭ: ފޮރިން މިނިސްޓްރީ

ޒަރޫރީ ބޭނުމެއްގައި މެނުވީ ދިވެހިރާއްޖެއަށް ދަތުރު ނުކުރުމަށް ސިންގަޕޫރު ސަރުކާރުން އެޤައުމުގެ ރައްޔިތުންނަށް އަންގަވާފައިވާ ކަމަށް ބުނެ ދިވެހިރާއްޖޭގެ ބައެއް މީޑިއާ ތަކުގައި ޝާއިޢުކުރަމުންދާ ޚަބަރުތައް ފޮރިން މިނިސްޓްރީއިން ދޮގުކޮށްފިއެވެ.

މިކަމާ ގުޅިގެން އެ މިނިސްޓްރީއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ރާއްޖެއާ ގުޅޭގޮތުން އެފަދަ އިލްތިމާސްއެއް ފަހުގެ ތާރީހެއްގައި ސިންގަފޫރު ސަރުކާރުން ނެރެފައިނުވާކަން ސިންގަޕޫރު ސަރުކާރުން ވަނީ މިނިސްޓްރީއަށް ކަށަވަރުކޮށްދެއްވާފައިކަމަށެވެ.

އެގޮތުން، ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާ ބަޔާނަކީ ސިންގަޕޫރު ސަރުކާރުން މި ފަހުގެ ތާރީޚެއްގައި ނެރެފައިވާ އިލްތިމާސެއް ނޫންކަމަށް އެ މިނިސްޓްރީއިން ފާހަގަކުރިއެވެ.

އަދި ރާއްޖެއާ އެކުވެރި ގާތްގުޅުން ދަމަހައްޓަމުންދާ ޤައުމުތަކާގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމުން އެކަމުގެ ނޭދެވޭ އަސަރު ދިވެހި ރައްޔިތުންނަށާއި ދިވެހިރާއްޖޭގެ އިގްތިޞާދަށް ކުރުމަކީ އެކަށީގެންވާކަމެއްކަމަށާއި މިހެންކަމުން، ހުރިހާ ފަރާތްތަކުންވެސް، ޚަބަރުތައް ފޯރުކޮށްދިނުމުގައި ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށާއި، ހާއްސަގޮތެއްގައި އެކުވެރި ޤައުމުތަކާ ގުޅުވައިގެން ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އެ މިނިސްޓްރީއިން ވަނީ އިލްތިމާސްކުރަމެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް