ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް 3 ދުވަހު މޫސުން ގޯސްވާނެ

ރާއްޖޭހެ ސަރަހައްދުގައި ހުޅަނގު މޫސުުމުގެ ބާރުގަދަވާނެ ކަމަށް ބެލެވޭތީ، ކުރިއަށް އޮތް3 ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

އަދި ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެކަމަށް އެ އޮފީހުންވަނީ ލަފާކޮށްފައެވެ.

ހުޅަނގު މޫސުމަކީ މޭމަހުން ފެށިގެން ގާތްގަނޑަކަށް ނޮވެންބަރު މަހުގެ ނިޔަލަށް ދިގުދެމިގެންދާ މޫސުމަކަށްވާއިރު، ހުޅަނގު މޫސުމުގެ އަސަރުތައް އާއްމުގޮތެއްގައި މޭމަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފްތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ފަށާކަމަށާއި، އޭގެ ފަހުން މި މޫސުމުގެ އަސަރު މެދު ރާއްޖެތެރެއަށް ފޯރައި، މޭމަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށިގެންދާކަމަށް މެޓް އޮފީހުންވަނީ ބުނެފައެވެ.

އަދި މިއަހަރުގެ ހުޅަނގު މޫސުން ދެކުނުގެ އަތޮޅުތަކަށް ފެށިފައިވަނީ މޭ މަހުގެެ07 ވަނަ ދުވަހުގައިކަމަށްވެސް އެ އިދާރާއިންވަނީ ބުނެފައެވެ.

ހުޅަނގު މޫސުމުގައި ވިއްސާރަވެ، ވައި ގަދަވެ، އަދި ކަނޑު ގަދަވުމަކީ އާންމު ކަމެކެވެ. އެހެންކަމުން މި ދުވަސްވަރު ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ކަމާއި ބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް