ޑެޕިއުޓީ ޕީޖީއަކަށް އައިޝާ، އަދި އެސިސްޓަންޓް ޕީޖީއަކަށް ސާމީ ޢައްޔަނުކޮށްފި

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަދި އެސިސްޓަންޓް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް 2 ބޭފުޅަކު މިއަދު ޢައްޔަނުކޮށްފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފުގެ ދަށުން މަސައްކަތްކުރައްވާ އެންމެ އިސް ދެ ވެރިންގެ މަގާމަށް އައްޔަންކުރައްވާފައިވާ ދެ ބޭފުޅުންނަކީ މީގެ ކުރިން ޕްރޮސިކިއުޓަރގެ މަޤާމު ފުރުއްވަމުން އައި ތަޖުރިބާކާރު ދެބޭފުޅުންނެވެ.

އެގޮތުން، އެ އޮފީހުގެ އައު ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަނުކުރައްވާފައިވަނީ ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާ އާއިޝާ މުހައްމަދުއެވެ. އާއިޝާ މުހައްމަދަކީ ޑިސެންބަރު 14، 2011 އިން ފެށިގެން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގައި މަސައްކަަތްކުރައްވަމުންދާ ވަކީލާއެކެވެ. އޭނާއަކީ މިހާރު އެ އޮފީހުގައި މަސައްކަތްކުރައްވާ ވަކީލުންގެ ތެރެއިން އެންމެ ގިނަ ދުވަސްވީ އެންމެ ތަޖުރިބާކާރު އެއް ވަކީލުކަން އެ އޮފީހުން ފާހަގަަކުރެއްވިއެވެ.

އާއިޝާގެ އިތުރުން، ދެން އެއޮފީހުގައި ޑެޕިއުޓީ ޕީޖީއަކަށް ހުންނަވަނީ މަޙްމޫދު ސަލީމެވެ. ސަލީމަކީވެސް އެ އޮފީހުގައި އެތައް އަހަރުތަކެއްވަންދެން ޑެޕިއުޓީ ޕީޖީއެއްގެ ހައިސިއްޔަތުން މަސައްކަތްކުރައްވާ ބޭފުޅެކެވެ.

މީގެ އިތުރުން، އެ އޮފީހުގެ އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ޕަބްލިކް ޕްރޮސެކިއުޓާ ހުސައިން ސާމީ ވަނީ އައްޔަންކުރައްވާފައިވެއެވެ. މި މަޤާމަށް ސާމީ ޢައްޔަނުކުރެވުމާއެކު އެ އޮފީހުގައި އެސިސްޓަންޓް ޕީޖީގެ ގޮތުގައި ދެން ތިއްބަވާނީ ޖުމްލަ 5 ބޭފުޅުންނެވެ. އެއީ ސާމީގެ އިތުރުން، ޙުސައިން ނާޝިދު، ޝަމްރާ ޝަމީން، ޢަބްދުﷲ ރާބިޢު އަދި މަރްޔަމް ފެޒްލީނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް