ކޮރަޕްޝަން ނައްތާލުމަށް ކުރާ މަސައްކަތްތަކާ ދެކޮޅުނުވެ، ޒިންމާދާރުކަމާއެކު މިކަމުގައި ބައިވެރިވުމަށް އިދިކޮޅު ފަރާތްތަކަށް ރައީސް ގޮވާލައިފި

ކޮރަޕްޝަން ނައްތާލުމަށް ކުރާ މަސައްކަތްތަކާ ދެކޮޅުނުވެ، ޒިންމާދާރުކަމާއެކު އެ މަސައްކަތުގައި ބައިވެރިވުމަށް ސިޔާސީ އިިދިކޮޅު ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވްސް 2.0 ނިޒާމު އިފްތިތާޙުކުރުމަކީ ކޮރަޕްޝަނާ ދެކޮޅަށް ފެށުނު މުހިންމު މަސައްކަތެއްކަމަށް އެމަނިކުފާނު ވިދާޅުވެފައި ވަނިކޮށް، އެކަމަށް ފާޑުކިޔައި އެކަމާ ދެކޮޅަށް މީސްމީޑިއާގައި އިދިކޮޅު ސިޔާސީ ފަރާތްތަކުން ވާހަކަ ދައްކަމުންދާތީ، އެކަމާ ގުޅިގެން އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން، ކޮރަޕްޝަން ނައްތާލުމަށް މަސައްކަތް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެތޯ އެމަނިކުފާނުވަނީ ސުވާލުކުރައްވާފައެވެ.

އަދި މޯލްޑިވްސް 2.0 އަކީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލަން އެޅޭ އެންމެ ބޮޑު ފިޔަވަޅުކަމަށާއި، ކޮންމެ ރައްޔިތަކަށް އެ ރައްޔިތެއްގެ މަޢުލޫމާތު (ޑޭޓާ) ގެ ފުރިހަމަ ކޮންޓްރޯލާއި ބާރުވެރިކަން ލިއްބައިދޭ ނިޒާމަކަށް އެ ނިޒާމު ވާނެކަމަށާއި އެއީ ދެ ފުށް ފެންނަ، އަވަސް، ލުއި ފަސޭހަ، ޚިދުމަތުގެ ފެންވަރު މަތީ ނިޒާމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ކޮރަޕްޝަން މަދު ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ އެތައް ދަރަޖައެއް މަތިވެގެންދާނޭ ނިޒާމަކަށް މި ނިޒާމުވެގެންދިޔުމުގެ އިތުރުން މިއީ، ޕްރެސް ފްރީޑަމް އިންޑެކްސްގައި ވެސް ރާއްޖެ އެތައް ދަރަޖައެއް މަތިވެގެންދާނޭ ނިޒާމެއްކަމަށާއި، މިއީ ރައްޔިތުން އެދޭ އަމާޒުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން، މި އަމާޒަށް ވާސިލް ވުމަށް ކުރާ ދަތުރުގައި، ސަރުކާރުން ކުރިޔަށް ދާނީ ރައްޔިތުންނާ ގާތުން، ރައްޔިތުންނާ އެކު ކަމަށާއި މި ދަތުރުގައި ޒިންމާދާރުކަމާއެކު ބައިވެރިވުމަށް ސިޔާސީ އިދިކޮޅު ފަރާތްތަކަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް