ކުދިންގެ ޝަޚުސިއްޔަތު ބިނާކުރުމަށް އެންމެ ރަނގަޅީ ޢާއިލާގެ ލޯތްބާއި ރައްކާތެރިކަން ކަށަވަރުކުރެވޭ ޢާއިލީ ވެއްޓެއް: ވަޒީރު
ކުދިންގެ ހެދިބޮޑުވުމާއި، ކުދިންގެ ޝަޚުސިއްޔަތު ބިނާކުރުމާއި، އަޚްލާޤީ މިންގަނޑުތަކާއި އިޖްތިމާޢީ ހުނަރުތައް ދަސްކޮށްދިނުމަށް އެންމެ ރަނގަޅީ، ޢާއިލާގެ ލޯތްބާއި އަޅައިލުން ލިބޭ، ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރެވިފައިވާ ޢާއިލީ ވެއްޓެއްކަމަށް ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ޤައުމީ ކުޑަކުދިންގެ ދުވަހާއި ގުޅިގެން ދެއްވި މެސެޖެއްގައެވެ. އެގޮތުން، ވަޒީރުގެ މެސެޖުގައި ކުޑަކުދިންގެ ދުވަހުގެ އުފާވެރި މުނާސަބަތުގެ ހެޔޮއެދުމާއި ތަހުނިޔާ، ރާއްޖޭގެ އެންމެހައި ލޮބުވެތި ކުޑަކުދިންނަށާއި، އެ ކުދިންގެ އާއިލާތަކަށާއި، އަޅައިލާ ބަލަހައްޓާ ފަރާތްތަކަށް، އަދި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ވަނީ ދަންނަވާފައެވެ. އަދި ކޮންމެ ކުއްޖަކީވެސް ޢާއިލީ ވެއްޓެއްގެ ޙިމާޔަތާއި ރައްކާތެރިކަން ލިބިގެން، ޢާއިލީ ގުޅުންތަކުގެ ތެރެއިން ބޮޑުވާ ކުދިންކަން ކަށަވަރުވެގެން ދިއުމަކީ ސަރުކާރުގެ އަމާޒެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.   މިއަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިޢާރަކީ "އުފާވެރި ގުޅުން، އުފާވެރި ވަގުތު، އުފާވެރި ކުދިން" މިއެވެ. މި ޝިއާރަށް އިޝާރާތްކުރައްވަމުން ވަޒީރު ވިދާޅުވީ، މި ޝިޢާރުން ކުދިންނަށް އުފާވެރި ކުރިމަގެއް ހޯދައިދިނުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ދެކަމެއް އޮތްކަމަށާއި އެގޮތުން އެއްކަމަކީ، ކުދިންނާއެކު ހޭދަކުރާ އުފާވެރި ވަގުތުކަމަށާއި، މައިންބަފައިން ކުދިންނާއެކު ހޭދަކުރާ އަގުހުރި ވަގުތުތަކުގެ ތެރެއިން ކުދިންނަށް ލިބޭ ލޯތްބާއި އަޅައިލުމާއި ސަމާލުކަމަކީ ކުދިންގެ ޝަޚުސިއްޔަތު ބިނާވުމުގައި އަސާސީ ދައުރެއް އަދާކުރާ ކަންކަންކަމަށެވެ. އަދި ދެވަނަ ކަމަކީ، ދަރިންނާއި މައިންބަފައިންގެ މެދުގައި އޮންނަ ގުޅުންތައްކަމަށާއި، މައިންބަފައިންނާ ދަރިންގެ މެދުގައި އޮންނަ ހަރުދަނާ ލޮބުވެތި ގުޅުމުގެ ސަބަބުން ކުދިންނަށް ލިބޭ އަޅައިލުމާއި، އެހީތެރިކަމާއި ހިތްވަރަކީ ކުދިންގެ އިޖުތިމާޢީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް މުހިންމު ކަންކަމުގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ. ކަން މިހެން އޮތް ނަމަވެސް، ތަފާތު އެކި ސަބަބުތަކާހުރެ ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނަގަންޖެހޭ ޙާލަތްތައް ވެސް މެދުވެރިވާކަމަށާއި އަދި މަރުކަޒުގައި ކުދިން ބެލެހެއްޓުމަކީ، ކުދިންގެ ހެދިބޮޑުވުމާއި، ކުދިންގެ ނަފްސާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަމަށް އެންމެ ފައިދާހުރި ގޮތް ނޫންކަން ދިރާސާތަކުގެ އަލީގައިވެސް ފެންނަން އޮތް ހިނދު، ކޮންމެ ކުއްޖަކީވެސް ޢާއިލީ ވެއްޓެއްގެ ޙިމާޔަތާއި ރައްކާތެރިކަން ލިބިގެން، ޢާއިލީ ގުޅުންތަކުގެ ތެރެއިން ބޮޑުވާ ކުދިންކަން ކަށަވަރުވެގެން ދިއުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރެއްކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނާއި އެ ކުދިންގެ އުފަން ޢާއިލާ ގުޅުވައިދިނުމާއި، ފޮސްޓަރިންގ ނިޒާމު ހަރުދަނާކޮށް، ވަގުތީގޮތުންވެސް ކުދިން ފޮސްޓަރކޮށް ޢާއިލާގައި ބެހެއްޓޭނެ ނިޒާމު ޤާއިމުކޮށް، ކުދިންނަށް ޢާއިލީ ވެއްޓެއް ހޯދައިދިނުމަށް ކުރެވެން ފެށި ވަރުގަދަ މަސައްކަތެކެއްގެ ގޮތުގައި ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މި މަސައްކަތުގެ ތެރެއިން މިހާތަނަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 72 ކުދިންނަށް ޢާއިލީ ވެއްޓެއް ހޯދައިދެވިފައިވާކަމަށެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް ޢާއިލާއެއް ހޯދައިދިނުމުގެ މަސައްކަތަށް ރައްޔިތުން ދެއްވާ ތަރުޙީބަކީ، ކުޑަކުދިންގެ ރައްކާތެރިކަމަށް މުޖުތަމަޢުން ކުރައްވާ މަސައްކަތްތަކާއި، ކޮންމެ ކުއްޖަކީވެސް ރައްކާތެރި، ލޯބިވެތި މާޙައުލެއްގައި ހެދިބޮޑުވާނެ ކުދިންތަކެއްކަން ކަށަވަރުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރެވޭކަމުގެ ރީތި މިސާލެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް