މި ސަރަހައްދުގައި ހެދޭ އެންމެ ބޮޑު އިންޓަނޭޝަނަލް މިންގަނޑުތަކަށް ފެތޭ ޖަލަކަށް ސެންޓްރަލް ޕްރިޒަން ވާނެ: ރައީސް

މި ސަރަހައްދުގައި ހެދޭ އެންމެ ބޮޑު އިންޓަނޭޝަނަލް މިންގަނޑުތަކަށް ފެތޭ ޖަލަކަށް ސެންޓްރަލް ޕްރިޒަން ވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ޙިއްޞާކޮށް، ރައްޔިތުންގެ ޚިޔާލުތަކާއި ސުވާލުތަކަށް ޖަވާބުދެއްވުމަށް "ރައްޔިތުންނާ އެކު" މި ނަމުގައި ރައީސުލްޖުމްހޫރިއްޔާ ކުރިއަށްގެންދަވާ ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސެންޓްރަލް ޕްރިޒަންގެ ހުރިހާ ކަމެއް ހުންނާނީ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ކަމަށެވެ.

އަދި އެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ދަނީ މޮޑެލްއެއްގެ ތެރެއިން އެ މަސައްކަތްކޮށް އިންވެސްޓް ކުރާނެ ފަރާތެއް ހޯދުމުގެ މަރުހަލާކަމަށާއި އެއީ ދުރު ރާސްތާގެ ހައްލެއް ކަމަށާއި އަދި އެެކަން ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އިންޓަނޭޝަނަލް މިންގަނޑުތަކަށް ހުރިހާ ކަމެއް ހުންނާނެ. އެހެންވީމަ މީހުން ތިބޭ ހާލަތުވެސް ރަނގަޅުވާނެ. އިންޓަނޭޝަނަލް ކޮންވެންޝަންތަކާ ހުރިހާ އެއްޗަކަށް ފިޓުވާ ގޮތަށް ހުންނަ ވަރަށް ފެންވަރު ރަނގަޅު ތަނަކަށް ވާނެ " ރައީސް ވިދާޅުވިއެވެ.

ސެންޓްރަލް ޕްރިޒަނަކީ، ކުށްވެރިން ބަންދުކުރަން އުތުރު ތިލަފަޅުގައި ޤާއިމުކުރާ ޖަލެއްކަމަށާއި، އެތަން ނިމުމާއެކު، އެހެން ހުރިހާ ޖަލުތަކެއް ބަންދުކުރަން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ މިދިޔަ އަހަރުގެ ޖުލައި މަހު ވިދާޅުވެފައެވެ.

ސެންޓްރަލް ޖަލު އިމާރާތްކޮށް އެތަނަށް ކުށްވެރިން ބަދަލުކުރެވުމުން، ޖަލަށް ފޯނާއި މަސްތުވާތަކެތި ވެއްދުން ކޮންޓްރޯލް ވެގެން ދާނެ ކަމަށް ވެސް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް