ތެލެސީމިއާ ސެންޓަރު ހުޅުމާލޭ އޮރެންޖްހިޔާއަށް ބަދަލުކޮށްފި

މޯލްޑިވިއަން ބްލަޑް ސަރވިސްގެ ޚިދުމަތް، ހުޅުމާލޭގެ އޮރެންޖު ހިޔާއަށް މިއަދު ބަދަލުކޮށްފިއެވެ.

ހުޅުމާލޭގެ އޮރެންޖް ހިޔާއަށް އަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރިކަން އަންގައި ދިވެހި ސިފައިން ކުރި ޕޯސްޓެއްގައި ބުނީ، ރައީސުލްޖުމްހޫރިއްޔާ، ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު، ގައުމީ ޚާއްޞަ މަސައްކަތެއްގެ ގޮތުގައި ސިފައިންނާ ހަވާލުކުރައްވައިގެން ތެލެސީމިއާ ސެންޓަރު ހުޅުމާލޭ އޮރެންޖްހިޔާއަށް ބަދަލުކުރުމަށް ފެށި މަސައްކަތް ނިންމައި، މިއަދު މިނިސްޓްރީ އޮފް ހެލްތާ ހަވާލުކޮށްފިކަމަށެވެ.

މި މަސައްކަތް ނިންމުމަށް ސިފައިންނާ ހަވާލުކޮށްފައިވަނީ މިދިޔަ މާރޗް މަހުގެ 30 ވަނަ ދުވަހުއެވެ. އަދި މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ އޭޕްރީލް މަހުގެ ތިރީސް ވަނަ ދުވަހުއެވެ.

މިއަދަކީ ބައިނަލް އަޤްވާމީގޮތުން ފާހަކުރާ ދުނިޔޭގެ ތެލެސީމިއާ ދުވަހެވެ.


މިއަދު ފާހަގަކުރާ ތެލެސީމިއާ ދުވަހުގެ މުނާޞަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދިވެހީންނަކީ އިޙްސާންތެރިކަމާއި އަޅައިލުމުގައި ލާމަސީލު ނަމޫނާއެއްކަމަށާއި، ތެލަސީމިއާގެ އުނދަގޫ ތަޙައްމަލުކުރާ ކޮންމެ ކުއްޖަކަށް އެހީތެރިވުމުގައި މުޅި ދިވެހި މުޖުތަމަޢު ބައިވެރިވުމަކީ އެމަނިކުފާނުގެ އިލްތިމާސެއްކަމަށެވެ.

އަދި އެ ކުދީންނަށް ލިބިފައިވާ ހުނަރުތައް ތަރައްޤީކޮށް، އުންމީދާއެކު ދިރިއުޅުން ބިނާކޮށްދިނުމުގައި، އަދި ހިނިތުންވުމާއި އެއްބަނޑުއެއްބަފާކަމުގެ އިޙްސާސްތަކާއެކު އެ ކުދީންނާ މުޢާމަލާތު ކުރުމުގައި، އަދި އެ ކުދީންނަށް ދަތިވާ ކޮންމެ ކަމަކަށް ފަސޭހަ އަލިމަގެއް ކޮށައި ދިނުމުގައި، ކޮންމެ ދިވެހި ރައްޔިތަކުމެ ސަރުކާރަށް އެއްބާރުލުން ދެއްވުމަށްވެސް އެމަނިކުފާނުވަނީ އެދިވަޑައިގެންފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް