"ބޯހިޔާވަހިކަމުގެ ބިލު" އަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފި

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައިވާ ބޯހިޔާވަހިކަމުގެ ބިލަށް އާއްމުންގެ ހިޔާލަށް ހުޅުވާލައިފިއެވެ.

ސަރުކާރުގެ ފަރާތުން މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ހުށަހަޅުއްވާފައި ބިލަށް ހިޔާލު ހުށަހެޅުއްވުމުގެ ސުންގަޑިއަކީ މި ހިނގާ މެއި މަހުގެ 18 ވަނަ ދުވެހެވެ.

މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެހައި ރައްޔިތުންނަށް، ރައްކާތެރި، އަދި ދިރިއުޅުމުގެ ބޭނުންތަކަށް ފުދޭ، އެކަށީގެންވާ ބޯހިޔާވަހިކަމަށް ވާޞިލުވުމަށް ހުރި ފުރުޞަތުތަކުގެ ބޭނުން ފަސޭހަކަމާއެކު ހިފޭނެ ބޯހިޔާވަހިކަމުގެ ނިޒާމެއް ޤާއިމުކޮށް، އެ ނިޒާމުގެ ދަށުން، ބޯހިޔާވަހިކަމަށް އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ދިރިއުޅޭނެ ތަންތަން ހޯދައިދިނުމަށް މަގުފަހިކޮށްދިނުމަށްޓަކައި އެފަދަ ފަރާތްތަކަށް ޚާއްޞަކޯށް ބޯހިޔާވަހިކަމުގެ ޕްރޮގްރާމްތައް ހިންގުމުގެ އުޞޫލުތައް ކަނޑައެޅުމެވެ.

އަދި އެ ފަދަ މަޝްރޫއުތައް ހިންގާ ފަރާތްތައް އެ މަޝްރޫޢުތައް ހިންގަނީ ޒިންމާދާރުކަމާއެކު އަދި ދެފުށްފެންނަ އުޞޫލުތަކެއްގެ ދަށުންކަން ކަށަވަރުކުރުމަށްޓަކައި، ބޯހިޔާވަހިކަން ފޯރުކޮށްދޭ ފަރާތްތައް ރަޖިސްޓަރީކުރުމާގުޅޭ އުޞޫލުތަކާއި އެފަދަ މަޝްރޫއުތައް ހިންގުމުގެ އުޞޫލުތައް ކަނޑައަޅައި އަދި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ތަރައްޤީކުރެވޭ ތަންތަނުގައި ހުންނަންޖެހޭ މިންގަނޑުތަކާއި ވަސީލަތްތައް ކަނޑައެޅުމާއި އެނޫންވެސް ކަމާގުޅޭ އުޞޫލުތައް ބަޔާންކުރުމެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައިވާ ބޯހިޔާވަހިކަމުގެ ބިލުގެ ސަބަބުން ރާއްޖޭގައި މިވަގުތު ބޯހިޔާވަހިކަމާ ގުޅިގެން ހުރި ކަންބޮޑުވުންތަކަށް ހައްލުތައް ލިބިގެންދާނެ ކަމަށް މެންބަރުން ފާހަގަކުރެއްވިއެވެ. އަދި ބިލު ދިރާސާކުރުމުގެ މަރުހަލާގައި އިތުރު އިސްލާހުތައް ގެނައުމަށްވެސް މެންބަރުން ވަނީ ލަފާ ދެއްވާފައެވެ.

މިބިލް މަޖިލީހުގެ ވެބްސްއިޓުން ބަލާލެވޭނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް