ރާއްޖެއަށް ތަރިކައިގެ ދާއިރާއިން ތަމްރީނު ފުރުޞަތުތައް ހޯދުމާއި ބެހޭ ގޮތުން ޔުނެސްކޯއާ މަޝްވަރާކޮށްފި
ދިވެހިރާއްޖެއަށް ތަރިކައިގެ ދާއިރާއިން ތަމްރީނު ފުރުޞަތުތައް ހޯދުމާއި ބެހޭ ގޮތުން ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު، ޔުނެސްކޯއާ މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ކުރެވުނީ، ދިވެހިރާއްޖޭގެ ހިރިގަލު މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ މަޝްރޫޢުގައި ކުރެވިފައިވާ މަސައްކަތަކާއި ކުރިއަށް ކުރަންހުރި ކަންކަން ބައްލަވާލެއްވުމަށް ރާއްޖެ ވަޑައިގެން އުޅުއްވާ ޔުނެސްކޯ ދެކުނު އޭޝިއާގެ ކަލްޗަރ ސެކްޓަރ، ޗީފް ޖުންހީ ހަންއާ މިއަދު ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ކުރެއްވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުވުމުގައި ޔުނެސްކޯގެ އެހީގައި ދިވެހިރާއްޖެއަށް ތަރިކައިގެ ދާއިރާއިން ތަމްރީނު ފުރުޞަތުތައް ހޯދުމާއި ބެހޭ ގޮތުން މަޝްވަރާކުރައްވައި، ރާއްޖޭގެ ހިރިގަލު މިސްކިތްތައް ޔުނެސްކޯގެ ދާއިމީ ލިސްޓުގައި ހިމެނުމުގެ މަޝްވަރާތައް ހިނގާތާ މިހާރު 13 ވަރަކަށް އަހަރުވެއްޖެކަމާއި އެ ކަމަށް ކުރު އަވަސް މަގެއް ހޯދުމުގެ ޝައުޤުވެރިކަން މި ސަރުކާރުގައި އެބަ އޮތްކަން ވަޒީރު ފާޅުކުރެއްވިއެވެ. އެ ކަމަށް އިޖާބަދެއްވައި ޖުންހީ ވަނީ މަސައްކަތުގެ ޓައިމްލައިނެއް ވަޒީރާ ހިއްސާކުރައްވައި، އެ ކަންކަން ފުރިހަމަ ކުރުމަށް ދެފަރާތުން ކުރަންހުރި ކަންކަމާ މެދު ގޮތްތަކެއް ނިންމާފައެވެ.

ޔުނެސްކޯ ދެކުނު އޭޝިއާގެ ކަލްޗަރ ސެކްޓަރ، ޗީފް ޖުންހީ ހަންއާގެ މިދަތުރުފުޅުގައި، މާލެގައި ހުރި ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނިފައިވާ، މާލޭ ހުކުރު މިސްކިތް، ކަޅުވަކަރު މިސްކިތް އަދި ޢީދު މިސްކިތަށް ވަނީ ޒިޔާތްކުރަށްވާ އެތަންތަން ބައްލަވާލައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް