ޖަޕާނުން ރާއްޖޭގެ ކޯސްޓް ކާޑަށް "ހާބަ ކްރާފްޓް ޕެޓްރޯލް ވެސަލް" ގެ ދެ އުޅަނދު ހަދިޔާކުރަން ނިންމައިފި

ޖަޕާން ސަރުކާރުގެ "އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ގެ ދަށުން، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް.) ކޯސްޓްގާޑުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ޖަޕާން ސަރުކާރުން ހަދިޔާ ކުރުމަށް ނިންމަވާފައިވާ "ހާބަރ ކްރާފްޓް ޕެޓްރޯލް ވެސަލް" ގެ ދެ އުޅަނދު ހަދިޔާކުރުމާގުޅޭގޮތުން "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި މިއަދު ވަނީ ސޮއިކޮށްފައެވެ.

މިއަދު ހެނދުނު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވުނު ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. ޢަބްދުﷲ ޚަލީލް އެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މިސިޒް އިޝިގާމީ ރުމީކޯ އެވެ.

ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ހިލޭ އެހީގެ ގޮތުގައި ޖަޕާން ސަރުކާރުން 400 މިލިއަން ޖަޕާނީސް ޔެން (2.8 އެމެރިކާ ޑޮލަރު) ދިނުމަށްވަނީ ހަމަޖެހިފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް ވަނީ ރާއްޖޭގެ ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ތައްޔާރީތައް ހަރުދަނާކުރުމަށް ޖަޕާން ސަރުކާރުން ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ. މި މަޝްރޫޢުގެ ދަށުން ހަދިޔާ ކުރެވޭ އުޅަނދުތައް އިތުރުވުމާއި ގުޅިގެން، ކޯސްޓްގާޑުގެ ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހިންގުމާއި، ކަނޑުގެ ޤާނޫނު ތަންފީޒުކުރުމާއި، އަދި މުޖުތަމަޢުގެ ސަލާމަތާއި ރައްކައުތެރިކަން އިތުރުކުރުމުގެ ޤާބިލުކަން އިތުރުވެގެންދާނެ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން މިނިސްޓަރގެ ވާހަކަފުޅުގައި، ޖަޕާން ސަރުކާރުން ގެންގުޅުއްވާ "ފްރީ އެންޑް އޯޕަން އިންޑޯ-ޕެސިފިކް" ސިޔާސަތުގެ ދަށުން އިންޑޯ-ޕެސިފިކް ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ޖަޕާން ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނޭކަމުގެ ޔަގީންކަން އަރުވިއެވެ.

ދެޤައުމުގެ ދެމެދުގައި އޮތް ގާތް ޒަމާންވީ ރަޙްމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މިފަދަ މަޝްރޫޢު ތަކުން ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި ޖަޕާނުން އަދާކުރަމުންދާ މުހިއްމު ދައުރު ފާހަގަކުރައްވައި، ޖަޕާނު ސަރުކާރުން ދެއްވާ ދީލަތި އެހީތެރިކަމަށް މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި  މިނިސްޓްރީގެ އިސް ވެރިންނާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އަދި ޖަޕާނުގެ އެމްބަސީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް