މުޖުތަމައުގެ ހާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ މަޝްރޫއެއް މިއަދު ފަށައިފި

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އިސްނަގައިގެން "މޯލްޑިވްސް ސޯޝަލް އިސްލާމިކް ފައިނޭންސް އިނީޝިއޭޓިވް (މިފްސީ)" ގެ ނަމުގައި، 250 މިލިއަން ރުފިޔާގެ ފައިނޭންސިން މަޝްރޫއެއް މިއަދު ފަށައިފި އެވެ.

މިއީ، އަންހެނުންނާއި މުޖުތަމައުގެ ހާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްސަދުގައި ފެށި މި މަޝްރޫއުގައި ބޭންކް އޮފް މޯލްޑިވްސް އަދި މޯލްޑިވްސް އިސްލާމިކް ބޭންކުންވެސް ބައިވެރިވެއެވެ.

އެގޮތުން، މިފްސީގެ ދަށުން ބީއެމްއެލް އިން ކުރިއަށް އޮތް ތިން އަހަރު، މުޖުތަމައުގެ ހާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް 200 މިލިއަން ރުފިޔާގެ ފައިނޭންސް ދޫކުރާގޮތަށް ހަމަޖެހިފައިވާއިރު، އެމްއައިބީން 30 މިލިއަން އަދި އެމްއެމްއޭއިން 20 މިލިއަން ރުފިޔާގެ ފައިނޭންސް ދޫކުރަން ވަނީ ނިންމާފަ އެވެ.

ކުރުނބާ މޯލްޑިވްސްގައި ބޭއްވުނު ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ އިސްލާމިކް ފައިނޭންސްގެ ދާއިރާ ފުޅާކުރުމަކީ ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ އިސް ކަމެއް ކަމަށާއި ރާއްޖޭގެ މާލީ ދާއިރާ ކުރިއަރުވައި، އިގްތިސާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

"އިގްތިސާދަށް އިންގިލާބީ، ބޮޑު ބަދަލެއް ގެނައުމަށް މި އަންނަނީ މަސައްކަތް ކުރަމުން. އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖެގައި ކާމިޔާބު ފައިނޭންޝަލް ސެންޓަރެއް ގާއިމްކުރުން. އެ ސެންޓަރުގެ ތެރެއިން އިސްލާމިކް ފައިނޭންސް ފުޅާކުރުމަށް ހާއްސަ އިސްކަމެއް ދޭނަން،" އެމަނިކުފާނު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ، މި މަޝްރޫއަކީ މެލޭޝިއާގެ "ސަދަގާ ހައުސް ބޭންކް އިސްލާމް" ގެ މޮޑެލްއަށް ބިނާކޮށް ފަރުމާކުރެވިފައިވާ މަޝްރޫއެއް ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން މުޖުތަމައުގެ މާލީ ހަމަހަމަކަން އިތުރުވެ، އިގްތިސާދީ ތަރައްގީގައި އެންމެންގެ ބައިވެރިވުން އިތުރުވެގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އެމްއެމްއޭ ތަންވީލް ޕްރޮޖެކްޓް މިހާރު ވަނީ ފަށާފައި. އޭގެ ބޭނުމަކީ އާންމުން ހޭލުންތެރިކޮށް، އިންސްޓިޓިއުޓްތަކުގެ ކެޕޭސިޓީ އިތުރު ކުރުމަށް މަސައްކަތް ކުރުން،" ގަވަރުނަރު ވިދާޅުވި އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް