މިނާވަރުގެ އެއްބަސްވުން އުވާލީ އެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ކުރިއަށްނުދާތީ: މިނިސްޓްރީ

ނ. މިނާވަރުގެ އެއްބަސްވުން އުވާލަންޖެހުނީ އެއްބަސްވުމާ އެއްގޮތަށް ކަންކަން ރަނގަޅުކުރުމަށް ދިން ފުރުޞަތުގައި އެކަންކަން ރަނގަޅުނުކުރުމުންކަމަށް ދަނޑުވެރިކަމާއި ދިރާތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މި ރަށަކީ، މަޝްހޫރު ވިޔަފާރިވެރިޔާ އަދި ދ. މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ ސަން ޓްރެވަލްސްއަށް 2010 ވަނަ އަހަރު ކުއްޔަށްދީފައިވާ ރަށެކެވެ.

އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދަނޑުވެރިކަމާއި ވެލިއުއެޑެޑް ޕްރޮސެސިންގ މަސައްކަތްކުރުމަށް ނުވަތަ އަގުއެއްކޮށްގެން ވިއްކާނެ ބާވަތްތައް އުފައްދާ ބާޒާރަށް ނެރުމުގެ މަސައްކަތްކުރުމަށް ދޫކޮށްފައިވާ އެރަށުގައި އެއްބަސްވުމާއި ޚިލާފަށް ކަންކަން ކުރަމުންދާތީ އެކަންކަން ރަނގަޅުކުރުމަށް ތަކުރާރުކޮށް އަންގާފައިވާކަމަށާއި، އެއްބަސްވުން ބާތިލުކޮށްފައިވަނީ، އެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ކުރިއަށްނުދާތީކަމަށެވެ.

އަދި އެ މިނިސްޓްރީގެ ފަރާތުން އެރަށަށް ކުރި މޮނީޓަރިން ދަތުރުތަކުގައި އެރަށުގައި، އެގްރީމަންޓުގައި ބަޔާންކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން ވެލިއު އެޑްކޮށްގެން އެކި ބާވަތްތައް އުފެއްދުމާއި ޕްރޮސެސްކުރުމުގެ އެއްވެސް މަސައްކަތެއް މިހާތަނަށް ކުރިއަށްގެންގޮސްފައިނުވާކަމަށާއި، އެ ކަންކަން ރަނގަޅުކޮށް އެގްރީމަންޓުގައި ބަޔާންކުރާގޮތަށް މަސައްކަތްކުރުމަށް މާރިޗު މަހުގެ 19 ވަނަ ދުވަހު އެކުންފުންޏަށް އަންގާ 30 ދުވަހުގެ މުއްދަތެއް ދިންނަމަވެސް އެމުއްދަތުގެ ތެރޭގައިވެސް އެކަންކަން ރަނގަޅުކޮށްފައިނުވާކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

އަދި މައްސަލަތައް ރަނގަޅުކުރުމަށް ދިން މުއްދަތު ހަމަވުމާއި ގުޅިގެން މިމަހުގެ 5 ވަނަ ދުވަހު، އެރަށް އަނބުރާ ސަރުކާރަށް ނެގުމަށް ނިންމާފައިވާކަން ރަށް ކުއްޔަށް ހިފާފައިވާ ސަން ޓްރެވެލްސް ކުންފުންޏަށް އަންގާފައިވާނެކަމަށާއި، މީގެކުރިންވެސް އެކި ސަރުކާރުތަކުން މިރަށް އަތުލުމުގެ މަސައްކަތް ކޮށްފައިވާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އަދި އެއްބަސްވުމުގައި ބަޔާންކުރާ މަސައްކަތުގެ ބޭރުން އެރަށުގައި ކުރަމުން ގޮސްފައިވަނީ ސަން ޓްރެވެލްސްގެ ކުންފުންޏާއި ގުޅޭ ރިސޯޓުތަކަށް ބޭނުންވާ އެކި އުފެއްދުންތައް އުފެއްދުމުގެ މަސައްކަތްކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް