ޤައުމީ ޔުނިވަރސިޓީން ތަޢުލީމީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ބޭރުގެ ދެ ޔުނިވަރސިޓީއަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ތަޢުލީމީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ބޭރުގެ ދެ ޔުނިވަރސިޓީއަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިގޮތުން ސޮއިކޮށްފައިވަނީ އޮސްޓްރޭލިއާގެ ދަ ހޮޓެލް ސްކޫލް އޮސްޓްރޭލިއާ އަދި ސަދަން ކްރޮސް ޔުނިވަރސިޓީއާއި، މެލޭޝިއާގެ ސެލެންގޯ އިސްލާމިކް ޔުނިވަރސިޓީއާއެކުއެވެ.

ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓޭލިޓީ އެންޑް ޓޫރިޒަމްއާއި، ދަ ހޮޓެލް ސްކޫލް އޮސްޓްރޭލިއާ- ސަދަން ކްރޮސް ޔުނިވަރސިޓީއާ ދެމެދު ވެވުނު އެއްބަސްވުމުގެ މަޤްޞަދަކީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ސިނާޢަތަށް ބޭނުންވާ ތަޢުލީމާއި ތަމްރީނުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުން ކަމަށާއި، މި އެއްބަސްވުމުގެ ދަށުން ދިރާސާކުރުމާއި، ތަޢުލީމީގޮތުން އެކި ފުރުސަތުތައް މުވައްޒަފުންނަށާއި ދައި ދަރިވަރުންނަށް އެކްސްޗޭންޖް ޕްރޮގްރާމްތަކުގެ ތެރެއިން ފަހިވެގެންދާނެކަމަށް ޤައުމީ ޔުނިވަރސިޓީން މަޢުލޫމާތު ދެއެވެ.

މި އެއްބަސްވުމުގެ ސަބަބުން ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކާ އެއްގޮތަށް ފަތުރުވެރިކަމުގެ ސިނާޢަތާއި މަތީ ތަޢުލީމުގެ ދާއިރާ ހަރުދަނާވެގެންދާނެކަމށް ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް ވިދާޅުވިއެވެ.

އަދި އޮސްޓްރޭލިއާ ޔުނިވަރސިޓީގެ އެގްޒެކެޓިވް ޖެނެރަލް މެނޭޖަރ ނިކޮލަސް ހައިޑް ވިދާޅުވީ މި އެއްބަސްވުމާއެކު ދެ ޔުނިވަރސިޓީއަށްވެސް އެކި ގޮތްގޮތުން ކުރިއެރުންތައް ލިބިގެންދާނެކަމަށެވެ.

ޤައުމީ ޔުނިވަރސިޓީއާއި މެލޭޝިއާގެ ސެލެންގޯ އިސްލާމިކް ޔުނިވަރސިޓީއާ ދެމެދުވެސް ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ގުޅިގެން ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ އެކި މައްސަލަތަކާ ގުޅޭގޮތުން ދިރާސާތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަދި މުވައްޒަފުންނާއި ދަރިވަރުންނަށް އެކްސްޗޭންޖް ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، ދެ ޤައުމުގެ ދީނީ އަދި ޘަޤާފީ އާދަކާދަތައް ދިރުވައި އާލާކުރުމަށް ގުޅިގެން މަސައްކަތްކުރެވޭނެ ކަމަށްވެސް ޤައުމީ ޔުނިވަރސިޓީން ބުނެފައިވެއެވެ

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް