ރަސްފަންނުގެ މޫދުގެ އުރަފަށު ކައިރީ މޫދަށް އެރޭ ސަރަޙައްދު ބޮއި އަޅައި ވަކިކުރަން ނިންމައިފި

ރަސްފަންނުގެ މޫދުގެ އުރަފަށު ކައިރީ މޫދަށް އެރޭ ސަރަޙައްދު ބޮއި އަޅައި ވަކިކުރަން ނިންމައިފިއެވެ.

މިއީ ރަސްފަންނު މޫދު ސަރަހައްދުގެ (އުރަފަށު ކައިރިއަށް) މޫދަށް އެރޭ ފަރާތްތަކާއި ޑައިވު ކުރާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކުރުމަށް، މާލެ ސިޓީ ކައުންސިލުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ މެރިން ޕޮލިހުންނާއެކު ބޭއްވި ބައްދަލުވުމަށް ފަހު ނިންމި ނިންމުމެކެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މޫދަށްއެރޭ ފަރާތްތަކާއި ޑައިވްކުރާ ފަރާތްތައް، މޫދަށް އެރެންޖެހޭ ސަރަހައްދު ވަކި ކުރަން، ކަނޑު ތޮށިން ފެށިގެން ބޭރަށް، 15 މީޓަރަށް ބޮއި އަޅައި އެ ސަރަހައްދު ވަކިކުރުމަށް ބަޔަކާ ހަވާލުކޮށްފައިވާކަމަށާއި މިހާރު މަސްބާނަން ތިބޭ ތަނަކީ މީހުން މަޑުކޮށްލަން ހަދައިފައިވާ ތެނެއްކަމުން މަސްބާނަން ތިބޭނެތަނެއް ހެދުމަށް ޓެންޑަރ ކުރުމުގެ މަސައްކަތް ކުރަމުންގެންދާކަމަށެވެ.

މީގެ އިތުރުން، ކަނޑު އުޅަނދު ފަހަރު ދަތުރުކުރުމުގައި ރަސްފަންނު ކަނޑު ތޮއްޓާ ކައިރި ކުރެވޭނެ ދުރުމިނެއް ކަޑައަޅައި، އެ ސަރަހައްދު ވަކިކުރުމަށްވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވިފައިވާއިރު، މޫދަށް އެރޭ ފަރާތްތަކާއި އުޅަނދު ފަހަރު ދުއްވާ ފަރާތްތަކަށް، އެ ސަރަހައްދު ކަނޑުތޮއްޓާއި ކައިރި ކުރުމަކީ ރައްކާތެރިކަމެއް ނޫންކަން ހަދާންކޮށް ދިނުމުގެ ގޮތުން، ސައިންބޯޑުތަކެއް ހަރުކުރުމަށް ވެސް ވަނީ ހަމަޖައްސާފައެވެ.

އަދި އެ ސަރަހައްދު ބޭނުން ކުރާ ފަރާތްތަކަށް، އެ ސަރަހައްދާއި ކައިރި ކުރުމަކީ ނުރައްކާ ތެރި ޙާދިސާއެއް ހިނގާފާނެ ކަމެއްކަން އަންގައިދި ހޭލުންތެރިކުރުމަށް ޓަކައި، އުޅަނދު ފަހަރު ބޭނުން ކުރާ ފަރާތްތަކަށް ލީފުލެޓެއް ބެހުމަށް ވެސް މި ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

ހަމައެއާއެކު، މަސް ބާނަން ދޮށި އުކާ ފަރާތްތަކުން، މީހުން މޫދަށް އެރިއުޅޭ ވަގުތު ތަކުގައި، އެ ސަރަހައްދަށް ދޮށި އުކުމަކީ ރަނގަޅުކަމެއް ކަމުގައި ނުވާތީ، އެ ފަރާތްތަކަށް އެ ކަން އެންގުމަށް ވެސް ވަނީ މަޝްވަރާ ކުރެވިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް