ސިއްހީ ދާއިރާގެ އެއްބާރުލުން އިތުރުކުރުމާ ގުޅިގެން ބްރޫނާއީއާ މަޝްވަރާކޮށްފި

ރާއްޖެ އާއި ބްރޫނާއީ އާއި ދެމެދު ސިއްހީ ދާއިރާގެ އެއްބާރުލުން އިތުރުކުރުމާއި ގުޅޭގޮތުން މަޝަވަރާކޮށްފިއެވެ.

ރާއްޖެވަޑައިގެން އުޅުއްވާ ބުރޫނާއީގެ ޞިއްހީ ދާއިރާގެ ޓެކްނިކަލް އިސް ބޭފުޅުންތަކަކާއި އެކު ކުރެވުނު މި މަޝްވަރާތަކުގައި، ބްރޫނާއީގެ ޕްރައިމަރީ ހެލްތުކެއަރ ގެ ޗީފް ކްލިނިކަލް ސްޕެޝަލިޓީ ސާވިސްގެ މަންދޫބުންވެސް ހިމެނެއެވެ.

ހެލްތު މިނިސްޓްރީގެ އިސްވެރިންނާއި އެކު ބެއްވި މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަމުގެ ތެރޭގައި:

  • ޕްރައިމަރީ ހެލްތު ކެއަރ ގެ ޚިދުމަތް ހަރުދަނާ ކުރުން، ޚާއްޞަކޮށް އަރބަން ޕްރައިމަރީ ހެލްތުކެއަރ
  • ހަކުރުބަލި މެނޭޖްކުރުމާއި ނަފްސާނީ ކަންކަމަށް ޚާއްޞަކޮށް ނަރުހުން ތަމްރީންކުރުން
  • ކެންސަރަށް ފަރުވާ ދިނުމުގެ ހިދުމަތްތައް ތަރައްޤީކުރުމުގައި އެހީތެރިކަމާއި އެއްބާރުލުން ހޯދުން
  • މެޑިސިން ކިޔަވާ ދިވެހި ދަރިވަރުންނަށް ބްރޫނާއީގައި އިންޓަރންޝިޕް ހެދުމުގެ ފުރުސަތު ހޯދުން
  • ޕަބްލިކް ހެލްތާއި ގުޅުންހުރި މޯބައިލް އެޕްލިކޭޝަން ތައްޔާރުކުރުމަށް، އެކަމުގެ ޢިލްމާއި ތަޖުރިބާ ހިއްސާކުރުން
  • ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ކްލިނިކްތައް ( ޓޮބޭކޯ ސެޒޭޝަން ) ހިންގުމުގެ ސްޓްރެޓެޖީތަކާއި އެންމެ ރަނގަޅު އުސޫލުތައް ހިއްސާކުރުން

މީގެ އިތުރުން، ބުރޫނާއީގެ ޓީމުން ވަނީ މާލޭގައި ޞިއްޙީ ޚިދުމަތްދޭ މުހިންމު ތަންތަނަށް ޒިޔާރަތްކޮށްފައެވެ. އޭގެ ތެރޭގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި ދަމަނަވެށި ހިމެނެއެވެ. މި ޒިޔާރަތްތަކުގައި ރާއްޖޭގެ ހެލްތްކެއާ އިންފްރާސްޓްރަކްޗާ އާއި ހިދުމަތް ފޯރުކޮށްދިނުމުގެ ކަންކަން އެ ޓީމުންވަނީ ބަލާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް