މޫސުން ގޯސްވެ ރާއްޖޭގެ ބައެއް އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފިއެވެ.

އެ އިދާރާއިން ބުނީ މިއަދު ހެނދުނު 08:00 އިން ފެށިގެން މެންދުރު ފަހު 14:00 ގެ ނިޔަލަށް ނ އަތޮޅުން ފެށިގެން ވ އަތޮޅާއި ހަމައަށް ހުދު ސަމާލު ނެރެެފައިވާ ކަމަށެވެ.

މި ވަގުތުތަކުގައި އެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރާނެކަމަށާއި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

މި އަތޮޅުތަކަށް ހުދު ސަމާލު ނެރެފައިވާއިރު، މި ދުވަސްވަރަކީ އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށެންދާ ދުވަސްވަރުކަމުން ރާއްޖޭގެ ދެކުނުން އުފެދޭ ވިއްސާރަ ވިލާތައް ދެކުނުގެ އަތޮޅުތަކަށް އަރަމުންދާކަމަށާއި، އެއާއެކު ވޭތުވެދިޔަ 24 ގަޑި އިރުވެސް ދެކުނުގެ ސަރަހައްދުތަކަށް ވިއްސާރަކޮށްފައިވާކަމަށްވެސް މެޓް އޮފީހުންވަނީ މައުލޫމާތުދީފައެވެ.


އަދި މިއަދުން  ފެށިގެން 2 ދުވަހަށް ރާއްޖޭގެ އެކި ހިސާބުތަކަަށް ވިއްސާރަކުރާނެކަމަށް ބެލެވޭކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށާއި، ބައެއް ހިސާބުތަކުގައި ވައި ގަދަވުމާއެކު، ކަނޑުތައް ގަދަވުމުގެ ފުރުޞަތުވެސް އޮތުމުން، މޫސުމާއި ބެހޭ އެންމެފަހުގެ މައުލޫމާތު އަދާހަމަކުރުމަށް ސަމާލުކަންދިނުމަށްވެސް އެ އިދާރާއިން ވަނީ ދަންނަވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް