ކުރިއަށްއޮތް 3 ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ: މެޓް

ކުރިއަށްއޮތް 3 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލާފާކޮށްފިއެވެ.

މިކަން ހާމަކޮށް އެ އިދާރާއިން ބުނެފައިވަނީ، މި ދުވަސްވަރަކީ އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށެންދާ ދުވަސްވަރުކަމުން ރާއްޖޭގެ ދެކުނުން އުފެދޭ ވިއްސާރަ ވިލާތައް ދެކުނުގެ އަތޮޅުތަކަށް އަރަމުންދާކަމަށާއި، އެއާއެކު ވޭތުވެދިޔަ 24 ގަޑި އިރުވެސް ދެކުނުގެ ސަރަހައްދުތަކަށް ވިއްސާރަކޮށްފައިވާކަމަށެވެ.

އަދި މިއަދުން  ފެށިގެން 2 ދުވަހަށް ރާއްޖޭގެ އެކި ހިސާބުތަކަަށް ވިއްސާރަކުރާނެކަމަށް ބެލެވޭކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ޤައުމީ ޢިދާރާއިން ވިދާޅުވިއެވެ.

މީގެ އިތުރުން ބައެއް ހިސާބުތަކުގައި އާންމު ވައި ގަދަވުމާއެކު، ކަނޑުތައް ގަދަވުމުގެ ފުރުޞަތުވެސް އޮތުމުން، މޫސުމާއި ބެހޭ އެންމެފަހުގެ މައުލޫމާތު އަދާހަމަކުރުމަށް ސަމާލުކަންދިނުމަށްވެސް އެ އިދާރާއިން ވަނީ ދަންނަވާފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވާ ގޮތުގައި ހުޅަނގު މޫސުން މެއި މަހުން ފެށިގެން ނޮވެމްބަރު މަހާ ހަމައަށް ދެމިގެންދޭނެއެވެ. ހުޅަނގު މޫސުން ފެށުނު ކަމަށް ބަލާ މިންގަނޑަކީ 1 މެއިގެ ފަހުން ދެކުނުގެ އަތޮޅުތަކަށް 2.5 މިލިމީޓަރު ނުވަތަ އެއަށް ވުރެ އިތުރަށް ވާރޭ ވެހުމުންނެވެ. އަދި މި ހާލަތު ދެ ދުވަހަށް ނުވަތަ އެއަށް ވުރެ އިތުރަށް ދެމިގެން ދިޔުމަކީވެސް ހުޅަނގު މޫސުން ފެށުނު ކަމަށް ބަލާ މިންގަނޑެވެ.

މީގެ އިތުރުން ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި ގަޑިއަކު 10 ނޯޓިކަލް މޭލަށްވުރެ ބާރަށް ވައިޖެހުމާއި މި ހާލަތު ދެ ދުވަހަށް ނުވަތަ އެއަށް ވުރެ އިތުރަށް ދެމިގެންދިޔުމަކީ ހުޅަނގު މޫސުން ފެށުނު ކަމަށް ބަލާ މިންގަނޑެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް