ރާއްޖޭގެ ފުރަތަމަ ބައިނަލްއަޤްވާމީ މާލީ މަރުކަޒުގެ ބިންގާ އަޅައިފި

ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް ޤާއިމްކުރާ ބައިނަލްއަޤްވާމީ މާލީ މަރުކަޒުގެ ބިންގާ އަޅައިފިއެވެ.

ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓް ގުޅިގެން 8.8 ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓަކުން ތަރައްޤީކުރާ މި މަރުކަޒު ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފޭސް 3 ގައެވެ.

މި މަރުކަޒުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓުގެ ވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ބޭފުޅުންނާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.


މި މަރުކަޒުގެ ރަމްޒީ ޕްލާގު ހުޅުވައިދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރާއި، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްގެ ރައީސް ޝައިޚް ނަޔެފް ބިން ޢީދް އަލް ޘާނީއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރުގެ ނައިބު އަޙްމަދު ސާއިދު މުސްޠަފާ ވިދާޅުވީ، މި މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދަށް އައު މަގެއް ފަހިކޮށްދޭނެ، އަދި ޚާއްޞަކޮށް ފަތުރުވެރިކަން އާ ހަރުފަތަކަށް ގެންދާނެ މަޝްރޫޢެއްކަމަށެވެ. އަދި މިއަހަރު ރާއްޖޭގެ އިޤްތިޞާދު %6.4 ކުރިއަރާނެކަމަށް ލަފާކުރެވޭއިރު، މިއަދު މި ފެށޭ މަޝްރޫޢާއެކު އިޤްތިޞާދު ސިންދަފާތު ކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގައިވެސް އައު ދޮރުތަކެއް ހުޅުވިގެންދާނެކަމަށްވެސް ސާއިދު ވިދާޅުވިއެވެ.

ހަމައެއާއެކު، މިއީ 2024 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރު ހަޤީޤަތަކަށް ހެދުމަށާއި، ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް އިތުރުކުރުމުގައިވެސް މުހިންމު ދައުރެއް އަދާކުރާނެ މަޝްރޫޢެއްކަމަށްވެސް ސާއިދުވަނީ ފާހަގަކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓުގެ ރައީސް ޝައިޚް ނަޔެފް ބިން ޢީދް އަލް ޘާނީ ވަނީ ރާއްޖޭގެ ތަރައްޤީއަށް ހިންގޭ މިފަދަ އުއްމީދީ މަޝްރޫޢެއްގައި ބައިވެރިވެވޭކަމީ ލިބޭ އުފަލެއްކަމަށް ވިދާޅުވެ، މިއީ ރާއްޖޭގެ އިޤްތިޞާދީ މިސްރާބު މުޅިން އައު އުސްމިންތަކަކަށް ގެންގޮސްދީ، ޒަމާނީ އިޖާދީ ކުރިއެރުންތަކެއް ލިބިގެންދާނެ މަޝްރޫޢެއްކަމަށް ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، މިއީ ރާއްޖޭގައި ފައިނޭންޝަލް ޓޫރިޒަމް ފުޅާކޮށް، ފަތުރުވެރިކަމާއި އެނޫންވެސް ދާއިރާތަކަށް އިންވެސްޓަރުން ހޯދުމަށްވެސް ހުޅުވޭ މަގެއްކަމަށްވެސް އެމްބީއެސް ޝައިޚް ނަޔެފް ބިން ޢީދް އަލް ޘާނީ ވިދާޅުވިއެވެ.

ގްލޯބަލް އިންވެސްޓްމަންޓް ގްރޫޕުގެ ސީއީއޯ ނަދީމް ޙަސަންވެސް ވަނީ މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން، މިއީ ހަމައެކަނި ޢުމްރާނީގޮތުން ގެނެވޭ ތަރައްޤީއެއްނޫންކަމަށާއި، މިއީ ޒަމާނީ ޓެކްނޮލޮޖީއާއި އިޤްތިޞާދީ ކުރިއެރުން ރަމްޒުކޮށްދޭނެ މުހިންމު މަޝްރޫޢެއްކަމަށާއި މި މަޝްރޫޢު ހަޤީޤަތަކަށް ހަދާ އޭގެ މަންފާ ރާއްޖެއަށް ހޯދައިދިނުމަށް އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓުގެ ފަރާތުން ފުރިހަމަ އެހީތެރިކަން ލިބިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓާއެކު ސަރުކާރުން ސޮއިކުރައްވާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ.

އެމް.އައި.އެފް.ސީ އަކީ ރާއްޖޭގެ އިޤްތިޞާދީ މަންޒަރަށް ބަދަލު ގެނެސް، 21 ވަނަ ޤަރުނުގެ ފައިނޭންސްގެ އެންމެ ކުރީ ސަފުގައި ޤައުމު ބެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީގެ އިސްނެންގެވުމެއްގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އަދި މި ސެންޓަރު ވެގެންދާނީ، ޓްރާންސްފޯމޭޓިވް އެމްބިޝަންއެއް ތަމްސީލުކުރާ، ފައިނޭންސް، އިންވެސްޓްމަންޓް، އިނޮވޭޝަން އަދި ދެމެހެއްޓެނިވި އާބަން ލިވިންގެ ދުނިޔޭގެ ހަބެއްގެ ގޮތުގައި ރާއްޖެ ކުރިއަރަމުން އަންނަ ކަމުގެ އިޝާރާތަކަށެވެ.

މާލޭގައި ގާއިމުކުރާ މި ސެންޓަރުގެ ޖުމްލަ ބޮޑުމިނަކީ 780,000 އަކަމީޓަރުގެ ސަރަހައްދެއްކަމަށާއި މި ސަރަޙައްދުގައި 6,500 އަށްވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެ ކަމަށް ބަލާފައިވާއިރު، ދުވާލެއްގެ މައްޗަށް 35,000 މީހުން މި ސަރަޙައްދަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް އެމްއައިއެފްސީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މީގެ އިތުރުން، މާލީ ފްރީޒޯނެއްގެ ގޮތުގައި ގާއިމުކުރާ އެމްއައިއެފްސީގައި ކުންފުނިތަކުން ޓެކްސް ދައްކަންނުޖެހޭ ގޮތަށް، ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ވިޔަފާރީގެ މިލްކުވެރިކަން ލިބިގެންދާއިރު، ރެސިޑެންސީ ޝަރުތުތަކެއް ނުހިމެނޭކަމަށާއި އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ފައިސާގެ އެކި ގޮތްގޮތުން މުއާމަލާތްކުރެވޭ ބޭންކިން ހިދުމަތާއި އޮފްޝޯ ޕްރައިވެޓް ބޭންކިން ހިދުމަތް ލިބޭނެ ކަމަށް އެ ސެންޓަރުން ބުންޏެވެ.

މީގެ އިތުރުން، މުސްތަގުބަލަށް އެކަށައަޅާފައިވާ ގަވާއިދުތަކުން ޑިޖިޓަލް އެސެޓްތަކާއި ގްރީން ފައިނޭންސްއަށް އެހީތެރިވެދޭނެ ކަމަށް ފާހަގަކޮށްފައިވާއިރު، މިކަމުގެ ސަބަބުން އެމްއައިއެފްސީ އަކީ ހަމައެކަނި މާލީ މަރުކަޒަކަށްވުމުގެ ބަދަލުގައި އަންނަން އޮތް ޖީލުތަކުގެ ތަރިކައަށް އިންވެސްޓްކުރާ ފަރާތްތަކަށް މަންޒިލަކަށް ވެގެންދާނެކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މި ސެންޓަރު ނިންމުމަށް ރޭވިފައިވަނީ، 2030 ވަނަ އަހަރާ ހަމައަށް ކަމަށްވާއިރު މި ސެންޓަރަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ވާސިލުވެވޭނެ އެވެ. މި މަޝްރޫއުގެ މަގްސަދަކީ ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ފާހަގަކުރެވޭ ވަރަކަށް އިތުރުކުރުމާ އެކު، ފަސް ވަނަ އަހަރާ ހަމައަށް އެއް ބިލިއަން އެމެރިކާ ޑޮލަރަށްވުރެ މަތީ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެމްއައިއެފްސީގެ ބަަޔާނުގައި ބުނެފައިވެ އެވެ.

އެމްއައިއެފްސީގެ އެންމެ މައި މަރުކަޒަކީ 3،500 މީހުންގެ ޖާގައިގެ އެންމެ ޒަމާނީ ކޮންފަރެންސް ސެންޓަރެކެވެ. މި ޕްލޭންގައި ހިމެނޭ ވަޞީލަތްތަކުގެ ތެރޭގައި، ބައިނަލްއަގުވާމީ މައި އޮފީސްތަކާއި ސަރަހައްދީ އޮފީސްތަކަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ފާހަގަކުރެވޭ ތިން ރެސިޑެންޝަލް އަދި އޮފީސް ޓަވަރުތަކާއި މަތީ ފެންވަރުގެ ބްރޭންޑެޑް ރެސިޑެންސްތަކާއި ދުނިޔޭގެ ނަން މަޝްހޫރު ހޮޓާ ބްރޭންޑްތަކާއި ފުރިހަމަ އަދި ތަފާތު ރީޓެއިލް ތަޖުރިބާއަކާއި އޯޝަނޮގްރަފިކް މިއުޒިއަމްއަކާއި މިސްކިތެއްގެ އިތުރުން އިންޓަނޭޝަނަލް ސްކޫލެއް ހިމެނޭ ގޮތަށް ފެންވަރު ރަނގަޅު ތައުލީމީ ވަސީލަތްތައް ހިމެނެއެވެ.

މިއީ މުޅި މާސްޓާ ޕްލޭނުން ފެށިގެން ވަކިވަކި އިމާރާތްތަކާ ހަމައަށް ކޮންމެ ސްޓްރަކްޗަރެއްވެސް ރާއްޖޭގެ ދިރޭތަކެއްޗާއި ކަނޑުގެ ތިމާވެށީގެ ނިޒާމަށް ބިނާކޮށް، ދުނިޔޭގެ ނަން މަޝްހޫރު އާކިޓެކްޓް ޖިއާނީ ރަނާއުލޯ ފަރުމާކޮށްފައިވާ މަޝްރޫއެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް