ރައީސް މުޢިއްޒުގެ ތަޞައްވުރަށް އެއްބާރުލުން ދެއްވުމަށް ޤާސިމް ގޮވާލައްވައިފި
ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވަރަށް އެއްބާރުލުން ދެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ޤާސިމް މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރ (އެމްއައިއެފްސީ) ފަދަ ބޮޑު މަޝްރޫއެއް އިފްތިތާޙްކޮށްދެއްވިކަމަށްޓަކައި ރައީސްއަށް މަރުޙަބާ ދަންނަވަމުން ޤާސިމް ވިދާޅުވީ، މިއީ އަޅުގަނޑުމެންގެ އިޤްތިޞާދު ތަފާތު ދާއިރާތަކަށް ފުޅާކޮށް، ރާއްޖެ ދުނިޔޭގެ މާލީ މަރުކަޒަކަށް ހެދުމަށް ކޮންމެހެން ބޭނުންވެފައިވާ އަދި ބޮޑު ބަދަލެއް ގެނެސްދޭނެ ފިޔަވަޅެއްކަމަށެވެ. އަދި ރާއްޖެ ފަދަ ފަތުރުވެރިކަމަށް ބޮޑަށް ބަރޯސާވެފައިވާ ޤައުމަކަށް، ދެމެހެއްޓެނިވި ބޭރުގެ އިންވެސްޓްމަންޓް ގެނައުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ޤާސިމް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އަވަސް ބާރުމިނުގައި ބަދަލުވަމުންދާ މާލީ މަޝްރަޙުގައި، ޑިޖިޓަލް ފައިސާ އަދި ބްލޮކްޗެއިން ޓެކްނޮލޮޖީ އެމްއައިއެފްސީއާ ގުޅުވައިލުމަކީ ކޮންމެހެން މުހިންމު ކަމެއްކަން ފާހަގަކުރައްވަމުން ޤާސިމް ވިދާޅުވީ، އެމްއައިއެފްސީއަކީ އަޅުގަނޑުމެންގެ އިޤްތިޞާދު މުސްތަޤްބަލަށް ތައްޔާރުކޮށް، ފިންޓެކް އީޖާދުތައް އުފެއްދުމަށާއި، ޚާއްޞަކޮށް އަޅުގަނޑުމެންގެ ޒުވާނުންނާއި މިހާރުގެ ވިޔަފާރިވެރިންނަށް ދުނިޔޭގެ ފުރުޞަތުތައް ހޯދައިދޭނެ މަޝްރޫއަކަށް ވެެގެންދާނެކަމަށެވެ. އަދި މި ތަޞައްވުރު ޙަޤީޤަތަކަށް ވާނެކަމާމެދު އެއްވެސް ޝައްކެއް ނުކުރައްވާކަމަށާއި ރާއްޖެއަށް ފައިދާ ކުރާނެ ގޮތަށް، އެކުލެވޭ މާލީ މަރުކަޒަކުން އާންމު މާލީ ކަންކަމާއި ޑިޖިޓަލް އިޤްތިޞާދު އެކުގައި ބަލައިގަންނަންޖެހޭކަމަށްވެސް ޤާސިމް ވިދާޅުވިއެވެ. ހަމައެއާއެކު، ރައީސް މުޢިއްޒުގެ ތަޞައްވުރަށް އެއްބާރުލުން ދިނުމަށް، މި މަޝްރޫޢުގެ އެންމެހާ ސްޓޭކްހޯލްޑަރުން، ޚާއްޞަކޮށް ހުރިހާ ސިޔާސީ ޕާޓީތަކާއި ލީޑަރުންނަށް ޤާސިމްވަނީ ގޮވާލައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް