މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރ ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) އުފެއްދުމުގެ ޖޮއިންޓް ވެންޗާ އެގްރީމެންޓާއި އެމްއޯޔޫގައި މިރޭ ސޮއިކުރައްވައިފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏެއް ކަމަށްވާ، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓުގެ ފަރާތުން ސޮއިކުރެއްވީ އެމްބީއެސްގެ ޗެއާމަން، ހިޒްއެކްސަލަންސީ މަރްވަން އަލްހާޖެރީއެވެ. އަދި ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރެވެ.


އެމް.އައި.އެފް.ސީ އަކީ ރާއްޖޭގެ އިޤްތިޞާދީ މަންޒަރަށް ބަދަލު ގެނެސް، 21 ވަނަ ޤަރުނުގެ ފައިނޭންސްގެ އެންމެ ކުރީ ސަފުގައި ޤައުމު ބެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީގެ އިސްނެންގެވުމެއްގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އަދި މި ސެންޓަރު ވެގެންދާނީ، ޓްރާންސްފޯމޭޓިވް އެމްބިޝަންއެއް ތަމްސީލުކުރާ، ފައިނޭންސް، އިންވެސްޓްމަންޓް، އިނޮވޭޝަން އަދި ދެމެހެއްޓެނިވި އާބަން ލިވިންގެ ދުނިޔޭގެ ހަބެއްގެ ގޮތުގައި ރާއްޖެ ކުރިއަރަމުން އަންނަ ކަމުގެ އިޝާރާތަކަށެވެ.

މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ އެމް.އައި.އެފް.ސީގެ ރަސްމީ ވެބްސައިޓް އިފްތިތާޙްކޮށްދެއްވައި، އެމް.އައި.އެފް.ސީގެ މޮޑެލްއެއް އިފްތިތާޙްކޮށްދެއްވާފައެވެ.

މި ރަސްމިއްޔާތުގެ ތެރެއިން، ޝެއިހް ނާއިފް ބިން އީދު އަލް ތާނީގެ އިތުރުން ޔޫއޭއީ، ސައުދީ އަރަބިއްޔާ އަދި އިންޑިއާގެ ބައެއް ބޮޑެތި ވިޔަފާރިތައް ވަނީ މި މަޝްރޫއުގައި ބައިވެރިވާނެކަމުގެ ރަސްމީ ލިޔުން ރައީސް މުއިއްޒާ ހަވާލުކުރައްވައިފަ އެވެ.

މާލޭގައި ގާއިމުކުރާ މި ސެންޓަރުގެ ޖުމްލަ ބޮޑުމިނަކީ 780,000 އަކަމީޓަރުގެ ސަރަހައްދެއްކަމަށާއި މި ސަރަޙައްދުގައި 6,500 އަށްވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެ ކަމަށް ބަލާފައިވާއިރު، ދުވާލެއްގެ މައްޗަށް 35,000 މީހުން މި ސަރަޙައްދަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް އެމްއައިއެފްސީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މީގެ އިތުރުން، މާލީ ފްރީޒޯނެއްގެ ގޮތުގައި ގާއިމުކުރާ އެމްއައިއެފްސީގައި ކުންފުނިތަކުން ޓެކްސް ދައްކަންނުޖެހޭ ގޮތަށް، ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ވިޔަފާރީގެ މިލްކުވެރިކަން ލިބިގެންދާއިރު، ރެސިޑެންސީ ޝަރުތުތަކެއް ނުހިމެނޭކަމަށާއި އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ފައިސާގެ އެކި ގޮތްގޮތުން މުއާމަލާތްކުރެވޭ ބޭންކިން ހިދުމަތާއި އޮފްޝޯ ޕްރައިވެޓް ބޭންކިން ހިދުމަތް ލިބޭނެ ކަމަށް އެ ސެންޓަރުން ބުންޏެވެ.

މީގެ އިތުރުން، މުސްތަގުބަލަށް އެކަށައަޅާފައިވާ ގަވާއިދުތަކުން ޑިޖިޓަލް އެސެޓްތަކާއި ގްރީން ފައިނޭންސްއަށް އެހީތެރިވެދޭނެ ކަމަށް ފާހަގަކޮށްފައިވާއިރު، މިކަމުގެ ސަބަބުން އެމްއައިއެފްސީ އަކީ ހަމައެކަނި މާލީ މަރުކަޒަކަށްވުމުގެ ބަދަލުގައި އަންނަން އޮތް ޖީލުތަކުގެ ތަރިކައަށް އިންވެސްޓްކުރާ ފަރާތްތަކަށް މަންޒިލަކަށް ވެގެންދާނެކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މި ސެންޓަރު ނިންމުމަށް ރޭވިފައިވަނީ، 2030 ވަނަ އަހަރާ ހަމައަށް ކަމަށްވާއިރު މި ސެންޓަރަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ވާސިލުވެވޭނެ އެވެ. މި މަޝްރޫއުގެ މަގްސަދަކީ ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ފާހަގަކުރެވޭ ވަރަކަށް އިތުރުކުރުމާ އެކު، ފަސް ވަނަ އަހަރާ ހަމައަށް އެއް ބިލިއަން އެމެރިކާ ޑޮލަރަށްވުރެ މަތީ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެމްއައިއެފްސީގެ ބަަޔާނުގައި ބުނެފައިވެ އެވެ.

އެމްއައިއެފްސީގެ އެންމެ މައި މަރުކަޒަކީ 3،500 މީހުންގެ ޖާގައިގެ އެންމެ ޒަމާނީ ކޮންފަރެންސް ސެންޓަރެކެވެ. މި ޕްލޭންގައި ހިމެނޭ ވަޞީލަތްތަކުގެ ތެރޭގައި، ބައިނަލްއަގުވާމީ މައި އޮފީސްތަކާއި ސަރަހައްދީ އޮފީސްތަކަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ފާހަގަކުރެވޭ ތިން ރެސިޑެންޝަލް އަދި އޮފީސް ޓަވަރުތަކާއި މަތީ ފެންވަރުގެ ބްރޭންޑެޑް ރެސިޑެންސްތަކާއި ދުނިޔޭގެ ނަން މަޝްހޫރު ހޮޓާ ބްރޭންޑްތަކާއި ފުރިހަމަ އަދި ތަފާތު ރީޓެއިލް ތަޖުރިބާއަކާއި އޯޝަނޮގްރަފިކް މިއުޒިއަމްއަކާއި މިސްކިތެއްގެ އިތުރުން އިންޓަނޭޝަނަލް ސްކޫލެއް ހިމެނޭ ގޮތަށް ފެންވަރު ރަނގަޅު ތައުލީމީ ވަސީލަތްތައް ހިމެނެއެވެ.

މިއީ މުޅި މާސްޓާ ޕްލޭނުން ފެށިގެން ވަކިވަކި އިމާރާތްތަކާ ހަމައަށް ކޮންމެ ސްޓްރަކްޗަރެއްވެސް ރާއްޖޭގެ ދިރޭތަކެއްޗާއި ކަނޑުގެ ތިމާވެށީގެ ނިޒާމަށް ބިނާކޮށް، ދުނިޔޭގެ ނަން މަޝްހޫރު އާކިޓެކްޓް ޖިއާނީ ރަނާއުލޯ ފަރުމާކޮށްފައިވާ މަޝްރޫއެކެވެ.

މިރޭގެ ރަސްމިއްޔާތުގައި އެމްބީއެސްގެ ރައީސް އައްޝައިޚް ނާއިފް ބިން ޢީދު ޘާނީ، ޑެޕިއުޓީ ރޫލާ އޮފް އުމްއަލް ކުވައިން، އައްޝައިޚް ރާޝިދު ބިން މަޖީދު އަލް މުޢާއްލާ، ހިޒް ރޯޔަލް ހައިނެސް ޕްރިންސް ފަހުދު ބިން ސުލްތާން ބިން އަބްދުލްއަޒީޒް އަލް ސައުދު، ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އޮފް ލައުބާން ފައިނޭންޝަން ސަރވިސް، މެލޭޝިއާ ދާތުކް އިސްކަންދަރު މުހައްމަދު ނޫލީ، މިނިސްޓްރީ އޮފް ލޭބަރ ގަވަރމަންޓް އޮފް ކަރްނަކަޓާ އިންޑިއާ ހިޒް އެކްސަލަންސީ ސަންތޯޝް ލަޑް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކެބިނެޓުގެ ބައެއް މިނިސްޓަރުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް