އެއް އަހަރެއް ތެރޭ އެންމެ ގިނަ މިސްކިތް ބިނާކުރެވޭ އަހަރަށް މިއަހަރު ވާނެ: ރައީސް

އެއް އަހަރެއް ތެރޭ އެންމެ ގިނަ މިސްކިތް ބިނާކުރެވޭ އަހަރަށް މި ހިނގާ 2025 ވަނަ އަހަރު ވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެގޮތުން، މި ސަރުކާރުން އެންމެ އިސްކަމެއްދޭ ތަފާތުކަމެއްގެ ގޮތުގައި ފާހަގަކުރެވޭ އެއްކަމަކީ ވަޤުފް އިންވެސްޓުމަންޓްކަމަށާއި މިއީ ދުރު ރާސްތާއާއި މެދު ރާސްތާއަށް ވަރަށް މުހިންމު ކަމެއްކަމަށާއި އެކަމަށް މި ސަރުކާރުން ވަރަށް އިސްކަންދޭކަމަށް ރައީސްވަނީ ފާހަގަކުރައްވާފައެވެ.

އަދި ވަޤްފް އިންވެސްޓްމަންޓުގެ ދަށުން ކުރިއަށްގެންދަން ހަމަޖެހިފައިވާ 3 މަޝްރޫއަކަށް އެމަނިކުފާނުވަނީ އަލިއަޅުއްވާލައްވާފައެވެ. އެއީ ހުޅުމާލެ ފޭސް 1 ގައި ތަރައްޤިކުރުމަށް ނިންމާފައިވާ "ދާރުއްސަލާމް އިސްލާމިކް ކޮމްޕްލެކްސް"އާއި މާލޭގެ "ދާރުލްއަރްޤަމް" އަދި "ކީރިތި ޤުރުޢާނާބެހޭ ޚާއްސަ ވަޤްފު އިމާރާތް" އެވެ. އޭގެ ތެރެއިން ދާރުއްސަލާމް އިސްލާމިކް ކޮމްޕްލެކްސްގެ ޕްރީ ޓެންޑަރިން މަރުހަލާގެ މަސައްކަތްތައް މިހާރު ކުރިއަށްދާކަމަށާއި އަދި މާލޭގެ ދާރުލްއަރްޤަމްގެ މަސައްކަތްތައް ހުރީ ޕްރީ ޓެންޑަރިންގެ މަރުހަލާގައިކަމަށްވާއިރު ކީރިތި ޤުރުޢާނާބެހޭ ޚާއްސަ ވަޤުފު އިމާރާތުގެ ބިން ހަމަޖައްސާފައިވާކަމަށް ރައީސްވަނީ ވިދާޅުވެފައެވެ.

މާލޭގައި ތަރައްޤީކުރާ ދާރުލްއަރުޤަމް ވަޤުފު އިމާރާތަކީ 12 ފަންގިފިލާއަށް ތަރައްޤީ ކުރާ އިމާރާތެކެވެ. މީގެ އިތުރުން ހުޅުމާލޭގައި ތަރައްޤީ ކުރާ ދާރުއްސަލާމް ވަޤުފް އިމާރާތަކީވެސް 12 ފަންގިފިލާއަށް ތަރައްޤީ ކުރާ އިމާރާތެކެވެ.

ރައީސް ވިދާޅުވީ ވަޤުުފު މަޝްރޫޢުތަކުގެ ތެރެއިން ކީރިތި ޤުރުއާނާ ބެހޭ ޚާއްސަ ވަޤުފު އިމަރާތް ކުރީގެ ކޮރަލް ބޮލިވާޑް މަޝްރޫޢު ހިންގުމަށް ހަމަޖައްސާފައި އޮތް ބިމުގައި ތަރައްޤީކުރަން ނިންމާވަފައިވާކަމަށެވެ. ރަސްފަނު ކައިރީގައި އޮންނަ 70،000 އަކަފޫޓުގެ އެ ބޮޑުބިމުގެ ތެރެއިން 10،000 އަކަފޫޓުގެ ބިން އެކަމަށް ޚާއްސަ ކުރުމަށް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ވަޤުުފު އިމާރާތްތައް ތަރައްޤީކޮށް ނިމުމުން އެތަންތަނުން ލިބޭ އާންމްދަނީގެ ތެރެއިން އިސްލާމީ ކަންކަމަށް ޚަރަދުކުރުމަށް ކޮންމެ އަހަރެއްގެ ބަޖެޓްތެރެއިން ނުނަގާ ގިނަ ކަންކަން ކުރުމުގެ ފުރުޞަތު ލިބގެންދާނެކަމަށެވެ.

މީގެ އިތުރުން ރައީސް ވަނީ މިސްކިތް ބިނާކުރުމުގެ މަޝްރޫޢުއަށްވެސް އަލި އަޅުވާލައްވާފައެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 21 މަޝްރޫޢުއެއް ކުރިއަށްދާކަމަށާއި 17 މަޝްރޫޢުއެއްގައި މިހާތަނަށް ސޮއިކޮށްފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިހާރު މިގޮތަށް ދާ މަޝްރޫޢުތައް އިރާދަކުރެއްވީއްޔާ ގިނަ މަޝްރޫޢުތައް މިއހަރުގެ ތެރޭގައި ނިމި ބާކީ ހުރި މަޝްރޫޢުތައް އަންނަ އަހަރު ނިމިގެންދާނެ. މިއީ އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނަ މިސްކިތް ބިނަ ކުރެވޭ އަހަރު. 2025. މިއަންނަ އަހަރަށް ކަނޑައަޅާފައި ހުރި މިސްކިތް ބިނާކުރުމާއި އިސްލާމިކް ސެންޓަރުތައްވެސް ޤުރުއާނާ ބެހޭ މަރުކަޒުގެ ތަންތަންގެ އިތުރަށް އިސްލާމީ ދާއިރާގެ މަޝްރޫޢުތައް މިއަންނަ އަހަރަށް ކަނޑައަޅާފައި ހުންނާނެނެ." ރައީސް ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް