ނޫސްވެރިކަމުގެ މިނިވަންކަން ނަގަހައްޓަން ކުރާ މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާ ތައުރީފުކުރައްވައިފި

ދުނިޔޭގެ އެކިކަންކޮޅުތަކުން ޞައްޙަ އަދި މުޢުތަބަރު ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދިނުމުގައި ގަދަ ހިތްވަރާއެކު، ސާބިތު ޢަޒުމެއްގައި ނޫސްވެރިން ކުރާ މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތައުރީފުކުރައްވައިފިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި މެސެޖުގައި ވަނީ، ޑިމޮކްރަސީ އާއި އިންސާނީ ކަރާމާތް ހިމާޔަތްކޮށް، ޢަދުލުއިންސާފު ނެގެހެއްޓުމުގައި ނޫސްވެރިން އަދާކުރާ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މީޑިއާގެ މިނިވަންކަމާއި މުސްތަޤިއްލުކަމާއި ޒިންމާދާރުކަން ދެމެހެއްޓުމުގެ ޢަޒުމުގައި ހުންނެވިކަމުގެ ޔަޤީންކަންދެއްވަމުން އެމަނިކުފާނު ވަނީ ނޫސްވެރިކަމުގެ އަޚުލާޤު ނަގަހައްޓައި، މުޢުތަބަރު މަޢުލޫމާތު ދައުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ. އަދި އެމަނިކުފާނު މިނިވަން ނޫސްވެރިކަން ސިފަކުރައްވާފައި ވަނީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށާއި، ދެފުށްފެންނަ އަދި ޖަވާބުދާރީކުރުވުމުގެ މާހައުލެއް ބިނާކުރުމަށް ލާޒިމު ކަމެއްގެ ގޮތުގައެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މި އަހަރުގެ ޝިޢާރަކީ "ހިތްވަރުގަދަ އައު ދުނިޔެއެއްގައި ރިޕޯޓުކުރުން: މިނިވަން ނޫސްވެރިކަމަށާއި މީޑިއާއަށް އާޓިފިޝަލް އިންޓެލިޖަންސް އިން ފޯރާ އަސަރު،" މިއެވެ. މިޝިޢާރުން، އާޓިފިޝަލް އިންޓެލިޖަންސް (އޭ.އައި) އިން ފަހިކޮށްދޭ ފުރުޞަތުތަކުގެ އިތުރުން މީޑިއާގެ މިނިވަންކަމުގެ މުހިންމުކަމުގެ ދިރުންހުރި ސިފަ ދައްކުވައިދެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، ދެފުށްފެންނަ ގޮތެއްގައި ބޭނުންކުރެވިއްޖެ ނަމަ، އޭ.އައި އަކީ މަޢުލޫމާތު ތަޙުލީލުކުރުން އޮޓޮމޭޓްކޮށް، އުފެއްދުންތައް ދުރަށްފޯރުކޮށްދިނުމުގެ ޚިދުމަތް އިތުރަށް ފުރިހަމަކޮށް، ދޮގުމަޢުލޫމާތާ ދެކޮޅަށް އަޑުއުފުލުމުގައިވެސް ބޭނުންކުރެވިދާނޭ އާލާތެއްކަމަށް ވިދާޅުވެފައެވެ.


މީގެ އިތުރުން، މީޑިއާ ލިޓްރަސީ އިތުރުކޮށް، އޭ.އައި އުފެއްދުންތަކާމެދު ހޭލުންތެރިކަން އިތުރުކޮށް، ނޫސްވެރިކަމުގެ އަޚުލާޤާ އެއްއުއިވާނޭ ގޮތަށް އޭ.އައި ބޭނުންކުރުމަށް ހިތްވަރު ދިނުމުގައި، ޕްރެސް ފްރީޑަމް ކޯލިޝަން އާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާޢަތްތައް ފަދަ ޤައުމީ އަދި ބައިނަލްއަޤުވާމީ ބައިވެރިންނާއެކު ކުރާ މަސައްކަތްތައްވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

މިނިވަން ނޫސްވެރިކަމަށް ބޭނުންވާ ޤާނޫނީ ރައްކާތެރިކަން ހަރުދަނާކުރުމަށާއި، ޑިޖިޓަލް މެނިޕިއުލޭޝަންގެ މައްސަލައިގައި ކުރިއަށްދާނޭ ގޮތްތަކެއް ކަނޑައަޅުމަށާއި، މީޑިއާ އާއި ފަންނިއްޔާތާ ގުޅޭ މަޝްވަރާތައް ޝާމިލުކަމާއެކު ކުރިއަށްގެންދިއުމަށް ރާއްޖެއިން ދަނީ ކެނޑިނޭޅި އަޑުއުފުލަމުންނެވެ.

އޭ.އައިގެ ޒަމާނުގެ ފުރުޞަތުތަކާއި ގޮންޖެހުންތަކާ ދުނިޔެ ކުރިމަތިލަމުންދާ މި ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޑިމޮކްރަސީގެ އެއް ތަނބު ކަމުގައިވާ ނޫސްވެރިކަމުގެ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަށް ހިއްސާކުރާ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް