އަމިއްލަ ޙައްޤުތަކުގެ ދިފާޢުގައި ޒުވާނުން ނިކުމެ އަޑުއުފުލާކަމީ ލިބޭ ހިތްވަރެއް: ނަޝީދު

އަމިއްލަ ޙައްޤުތަކުގެ ދިފާޢުގައި ޒުވާނުން ނިކުމެ އަޑުއުފުލާތަން ފެނުމަކީ ލިބޭ ހިތްވަރެއްކަމުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން، ޒުވާނުން އެމީހުންގެ ޙައްޤުތައް ހޯދުމަށް ނިކުމެ އަޑުއުފުލުމުން ދައްކުވައިދެނީ އެމީހުންގެ ހިތްވަރާއި އަޒުމާއި އެކްޓިވިޒަމްގެ ބާރުކަމަށް ދޭހަވާފަދަ ގޮތަކަށް ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ.

އަދި ޙައްޤުތަކަށްޓަކައި ތެދުވުމަކީ އަގުހުރި ކަމެއްކަމާއި، އެކަމަށް ހިތްވަރުދޭ ސަގާފަތެއް ބިނާކުރެވިފައި އޮތުމަކީ ތަސައްލީ ލިބޭ ކަމެއް ކަމުގައި ޤަބޫލުފުޅު ކުރައްވާ ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.


މީގެ އިތުރުން، ޒުވާނުން ރޭ ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން، ސުލްހަވެރިކަމާއެކު އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤުގެ ބޭނުން ހިފަމުން ދަނިކޮށް ހައްޔަރުކުރި ދެ ޒުވާނުން ކަމަށްވާ ޢާއިޝަތު ޝިމަން އަޙްމަދާއި ޢަބްދުﷲ މަޙްޒޫމް މާޖިދު ވަގުތުން ވަގުތަށް މިނިވަން ކުރުމަށްވެސް އެމަނިކުފާނު ވަނީ ގޮވާލައްވައިފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ޢަބްދުﷲ މަޙްޒޫމް މާޖިދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެ ފުލުހަކަށް ހަމަލާދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައެވެ. އަދި ޢާއިޝަތު ޝިމަން އަޙްމަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ކަމަށްވެސް ފުލުހުން ބުންޏެވެ.

ޝިމަން އާއި މަހްޒުމް ހައްޔަރުކުރުމާ ގުޅިގެން މި ދެ ޒުވާނުންވެސް ދޫކޮށްލުމަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ގޮވައިލަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް