ރައީސްގެ ދަރިކަނބަލުން ކުރެއްވި ޕޯސްޓެއްކަމަށް ބުނެ ދައުރުކުރާ ފޮޓޯއަކީ ފޭކެއް: އާޒިމާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަނބަލުން، ޔާސްމިން މުޙައްމަދު މުޢިއްޒު ކުރެއްވި ޕޯސްޓެއްކަމަށް ބުނެ މީސްމީޑިއާގައި ދައުރުކުރަމުންދަނީ ހަޤީގަތާ ޚިލާފު އެއްޗެއްކަމަށް ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ބުނެފިއެވެ.

އާޒިމާ މިހެން ވިދާޅުވެފައިވަނީ އެބޭފުޅާގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން، ރޭ މުޒާހަރާގެ ބައިވެރިއަކު ހައްޔަރުކުރުމާ ގުޅޭ ގޮތުން ރައީސްގެ ދަރިކަނބަލުންގެ އިންސްޓަގްރާމްގައި އާއްމުކުރި ޕޯސްޓެއްކަމަށް ބުނެ ދައުރުވަމުންދާ ސްކްރީންޝޮޓަކީ ފޭކް ސްކްރީންޝޮޓެއްކަމަށް އާޒިމާވަނީ ވިދާޅުވެފައެވެ.

މާލޭ ގެއެއްގެ ފުރާޅު މައްޗަށް އަންހެން ކުއްޖަކު ވެއްޓުނު މައްސަލައިގައި އިންސާފު ހޯދައިދިނުމަށް ގޮވާލައި ދިވެހި ޒުވާނުންގެ ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން، ރޭ ކުރިއަށްގެންދިޔަ އެއްވުމުގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފައެވެ.

އެއާއެކު، މީސްމީޑިއާގައި ދައުރުވެގެންދާތަން ފެނިފައިވަނީ ރައީސްގެ ދަރިކަނބަލުންގެ އިންސްޓަގްރާމުގައި ލިޔުއްވި ޕޯސްޓެއްގެ ސްކްރީންޝޮޓެކެވެ. އޭގައި ރޭގެ މުޒާހަރާއިން މީހަކު ހައްޔަރުކުރުމާ ގުޅިގެން އެކަމުގެ ހިތްހަމަޖެހުން ފާޅުކޮށްފައިވާ ބީދައިން ޕޯސްޓުކޮށްފައިވެއެވެ.

 


މިއީ ހަޤީގަތާ ޚިލާފު ސްކްރީންޝޮޓެއްކަމަށާއި އެކަމުގައި ޝާމިލުވާ ފަރާތްތަކުން އެފަދަ ދޮގު މައުލޫމާތު ފެތުރުމާއި ރައްޔިތުންނަށް އޮޅުވާލުން ހުއްޓާލުމަށް އާއިލާއިން އެދިވަޑައިގަންނަވާމަށްވެސް އާޒިމާ ވިދާޅުވެފައިވެއެވެ. 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް